ވުޟޫކުރާއިރު ގުނަވަންތަކުގައި ފެންޖެއްސުމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް މީހުން އަވަސް އަރުވާލައިގެން ވުޟޫކުރާއިރު އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވި ވުޟޫކުރެވޭތަން އެބަ ފެނެއެވެ. އެގޮތަށް ކަންތައް ނުކުރާށެވެ! ނަމާދު ޞައްޙަވުން ވަނީ ވުޟޫ ޞައްޙަވުމާއި ގުޅި ލާމެހިފައެވެ. ވުޟޫ ޞައްޙަ ނުވެ ނަމާދު ޞައްޙަ ނުވާނެތީއެވެ.

މިޙަދީޘްފުޅަށް ބަލައިފިނަމަ ޞަޙާބީން ވުޟޫ ކުރައްވަން ތިއްބަވަނިކޮށް ރަސޫލް (ޞޢވ) ވިދިވިދިގެން 3 ފަހަރު އެވަނީ ބާރު އަޑުފުޅުން އެބޭކަލުންގެ ފުންނާބުތައް ނަރަކައިން ސަލާމަތްކުރެއްވެވުމަށް ޙަދީޘްފުޅުކުރައްވަވައިފައެވެ.
ނަމާދަކީ ދަތުރުފުޅެއްގައި ޤަޞާއަށް ކުރަވަން ޖެހިވަޑައިގެންނެވި ނަމާދެކެވެ. އެހެންކަމުން ޞަޙާބީން ފެން ބޭނުންފުޅު ކުރައްވަވާނީވެސް އިތުރަށް ސަމާލުކަން ދެއްވަވައިގެނެނެވެ. ހަމައެއާއެކު ވަގުތު ފާއިތުވެފައިވުމުން ޤަޟާ ކުރައްވަން އަވަސްވެވަޑައިގަންނަވާނެއެވެ.
މިފަދަ ޙާލަތެއްގައި މިމޭރުމުން ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން ފުންނާބާއި އަދި އެހެން ގުނަވަންތަކުގައިވެސް ފެންޖެއްސުމުގެ މުހިންމުކަން އެނގިގެންދެއެވެ. "ފުންނާބުތައް ނަރަކައިން ސަލާމަތްކުރަން" ހަދީޘްފުޅު ކުރެއްވެވުމަކީ އެހެން ގުނަވަންތަކުގައި ފުރިހަމައަށް ފެން ނުޖައްސައި ފަރުވާ ކުޑަކުރަން ހުއްދަލިބޭނެ ކަމެއް ނޫނެވެ. އެހެނީ ވުޟޫކުރާއިރު ގުނަވަންތަކުގައި ފުރިހަމައަށް ފެންނުޖައްސައި ވުޟޫކޮށްގެން އެ ވުޟޫ ޞައްޙައެއް ނުވާނެއެވެ.
ހަމައެއާއިއެކު ނުހަނު ފުރިހަމައަށް ވުޟޫ ކުރައްވަވައި އަދި ހަމަ އެހައިމެ ފުރިހަމައަށް ނަމާދުވެސް ކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ތިމަން ރަސޫލާ (ޞޢވ) މިކުރެއްވެވި ގޮތަށް ވުޟޫކޮށް އަދި ނަމާދުވެސް ކުރުމަށް" ކަމުގައިވާތީއެވެ.
ވީމާ އިމާމާ ނަމާދު ފަށަން އުޅޭތީ ނުވަތަ ނަމާދުކުރަމުންދާތީ ކިތަންމެ އަވަހަށް ޖަމާޢަތުގައި ބައިވެރިވާން ބޭނުންވި ނަމަވެސް ވުޟޫ އެންމެ ފުރިހަމަ ގޮތުގައި ކުރަން ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ގުނަވަންތަކުގައި ފުރިހަމައަށް ފެން ޖައްސައިގެން ވުޟޫކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން