ﷲ އާއިމެދު ވިސްނުމަކީވެސް އަޅުކަމެކެވެ! ﷲ ގެ އަމުރުފުޅެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ﷲ އާއިމެދު ވިސްނުމަކީވެސް އަޅުކަމެކެވެ! ﷲ ގެ އަމުރުފުޅެކެވެ!

ﷲ އާއިމެދު ވިސްނައިލުމަށް މުސައްލަމަތީގައި ނުވަތަ އެނޫންވެސް ތަނެއްގައި ހިނދުކޮޅަކު މަޑުކޮށްލުމަކީވެސް މަތިވެރި އަޅުކަމެކެވެ. އެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަދި މިހިރީ އެއްވެސް ތަކްލީފަކާއި ނުލައި ސަވާބު ހޯދެންހުރި މަގުތަކެވެ.

މުސައްލަމަތީގައި ނުވަތަ މިސްކިތުގައި އިންނައިރު ޛިކްރް ކުރުމާއި ދުޢާ ކުރުމާއި ކީރިތި ޤުރްއާން ކިޔެވުން ފަދަ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެއިގެ އިތުރުން ދުނިޔަވީ ކަންކަން ހިތުތެރެއިން ނެރެލައި ހަމައެކަނި ﷲ ތަޢާލާ އާއިމެދު ވިސްނައިލަން ކިތަންމެ ކުޑަ ނަމަވެސް ވަގުތުކޮޅެއް ހޭދަކުރާށެވެ! ﷲ ތަޢާލާގެ ކުޅަދުންވަންތަކާއި ދީލަތިވަންތަކަމާއިމެދުގައެވެ. ތިމާއަށް މިންވަރު ކުރައްވަވާފައިވާ ނިޢްމަތްތަކާއިމެދުގައެވެ. 

މިއީ ކޮންމެހެން މިސްކިތުގައި ނޫން ނަމަވެސް ކުރެވިދާނެކަމެކެވެ. އެކަނިވުމަށް ފުރުޞަތު ލިބޭ ކޮންމެ ހިނދެއްގައި ކޮންމެ ތަނެއްގައިވެސް ކުރެވިދާނެ ކަމެކެވެ.

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (ބަޤަރާ: 152)

ވީމާ އަހަރެމެން ވާން ޖެހޭނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ، ﷲ ތަޢާލާއަށް ޝުކުރުކުރާ އަދި ﷲ ތަޢާލާއަށް ކާފިރު ނުވާނެ ބައަކަށެވެ. އެއިރުން ﷲ ތަޢާލާ އަހަރެމެންގެ މަތިން ހަނދުމަކުރައްވަވާނެތެވެ. އަދި ޝުކުރު ކުރާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން