އިނގިރޭސި ސަފީރު އައްޑޫސިޓީގެ އިމާމުންނާ ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިނގިރޭސި ސަފީރު އައްޑޫސިޓީގެ އިމާމުންނާ ބައްދަލުކުރައްވައިފި

އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސެލެންސީ ކެރޮން ރޮސްލާ އައްޑޫސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ އިނގިރޭސި ސަފީރުގެ މިބައްދަލުވުމަކީ އިމާމުންގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމަޢުގައި އެމީހުންގެ ދައުރު އަދާކުރާގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއްކަމަށެވެ.

މިބައްދަލުމުގައި ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ސަފީރު މަޢުލޫމާތު ހޯއްދެވިއެވެ. އަދި އެފަދަ ޒުވާނުން ރަނގަޅު މަގަށް ގެނެސްދިނުމުގައި އިމާމުންގެ މަސައްކަތާ ގުޅޭގޮތުންވެސް ސުވާލުކުރެއްވިއެވެ.

އިނގިރޭސި ސަފީރު ވިދާޅުވި ގޮތުގައި މުސްލިމުންގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ކަންކަން އެއީ ހަގީގީ އިސްލާމް ދީން ނޫންކަން ބުނެދިނުމުގައި އީމާމުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އެކަމަށްޓަކައި މީޑިއާތަކުންވެސް ރަނގަޅު ގޮތުގައި ރިޕޯޓުތައް ގެނެސްދިނުން މުހިންމު ކަމަށެވެ.

އެކަމަނާ ވިދާޅުވިގޮތުގައި ސަފީރެއްގެ ހައިޞިއްޔަތުން ތަފާތު ފިކުރުތައް ދެނަގެނެ އެއްކޮށް މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.

އިމާމުންނާއެކު ބޭއްވެވި މިބައްދަލުވުމަށްފަހު އެކަމަނާ ވަނީ މިސްކިތަކަށް ވަޑައިގެން މިސްކިތް ބައްލަވާލައްވާފައެވެ.

މިއަދު އޮންލައިން