އެއްވެސް މީހަކު ތިމާ ނިޞްބަތްވާ ޤައުމަށް ނުވަތަ ހަސަބާއި ނަޞަބަށް ބަލައި ބޮޑާ ނުވާށެވެ. އަދި ލިބިފައިވާ ތަނަވަސްކަމާއި އެހެންވެސް ނިޢްމަތްތަކަށް ބަލައި ބޮޑާވެ ކިބުރުވެރި ނުވާށެވެ!
މީހުންގެ ޤަދަރު އުފުލިގެންދަނީ އުފަންވާ ޤައުމަކުން ނޫނެވެ! އެމީހާ ވަކި ޤައުމަކަށް އުފަންވުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަދި ތަނަވަސްކަމާއި އާރާއި ބާރު ލިބިގެންދަނީވެސް ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ މިފަދަ އެއްވެސް ކަމަކާއި ގުޅުވައިގެން ތިމާގެ މޮޅުކަން ދައްކައި ބޮޑާވެ ކިބުރުވެރިވުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
ބޮޑާކަން ގުޅިފައިވަނީ ނަރަކައިގެ އަލިފާނާއިއެވެ. ވީމާ ބޮޑާކަމުގެ ޒައަރެއްގެ މިންވަރު ހިތުގައި އޮވެވެސް ސުވަރުގެ ނުވަދެވިދާނެ ކަމުގެ ބިރު އޮތުމުން އަވަހަށް ތައުބާވާށެވެ!
Prophet Muhammad (ﷺ) said:
"People should give up their pride in nations because this is a coal from the coals of hell-fire. If they do not give this up Allah will consider them lower than a lowly worm which pushes itself through khur (feces)."
[Abu Dawd, Tirmidhi]
ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރައްވަވާފައި މިވަނީ ބޮޑާކަމަކީ ނަރަކައިގެ ދަރު ކަމުގައެވެ. އަދި އެކަމުން ތައުބާ ނުވެއްޖެނަމަ އެމީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި، މި ބިންމަތީގައި ކިސަޑާއި ނަޖިސްތަކުގެ ތެރޭމިދުވާ ފަނިފަކުސަތަކަށްވުރެ ވެސް އަގުދަށް ބައެއް ކަމަށެވެ!
ﷲ ތަޢާލާގެ ޙަޟްރަތުގައި ފަނިފަކުސައަށްވުރެވެސް އަގުދަށް ބައަކު ތިމާ މެންނަކީ މާމަތީ ބައެއް ކަމަށް މީސްތަކުންނަށް ދައްކުވަން އުޅުމުން އެމީހަކަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ހިތަށް އިބިލީސް ވައްދުވައިދޭ ވަސްވާސްތަކުން ނޫން ގޮތަކަށް އެއްވެސް އުފަލެއް ނެތެވެ. އެ އުފާ ލިބޭ ވަރަކަށް ހަޤީޤަތުގައި އެދެވެނީ ނަރަކަ އާއި ކައިރިވެވެމުންނެވެ!
ދެކަމުން ކުރެ ޙާޞިލުކުރެވެން އޮތީ އެއް ކަމެކެވެ. ވިސްނައިލާށެވެ! ބޭނުމީ ބޮޑާކަމާ ކިބުރުވެރިކަން މަތީގައި ފުއްޕާފައި ދުނިޔޭގައި އުޅެން ހެއްޔެވެ؟ ނަރަކައިގައި އަނދަ އަނދާ އޮންނަން ހެއްޔެވެ؟ ގޮތް ނިންމަންވީ އަމިއްލަ އަށެވެ.
- އިސްލާމީތިލަފަތުގެ ދަރުސަކުން