ފާފައެއް ކުރެވުމުގެ މެދުތެރެއިން ނަމަވެސް ތައުބާވެއްޖެ ނަމަ އެއީ ހެޔޮ އަމަލަކަށް ބަދަލުކޮށްދެއްވެވުމަށް ﷲ ކުޅަދުންވަންތައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފާފައެއް ކުރެވުމުގެ މެދުތެރެއިން ނަމަވެސް ތައުބާވެއްޖެ ނަމަ އެއީ ހެޔޮ އަމަލަކަށް ބަދަލުކޮށްދެއްވެވުމަށް ﷲ ކުޅަދުންވަންތައެވެ!

ފައިދާ ކުރާނެ ނަޞޭޙަތްފުޅެއް ދެއްވެވުމަށް އަބޫ ޒައްރު ރަސޫލް (ޞޢވ) ގެ އަރިއަހުން އެދިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ޤަޞްދުގައި ނަމަވެސް ފާފައެއް ކުރެއްވެވިއްޖެ ނަމަ ލަސް ނުކުރުރައްވަވައި އަވަހަށް ހެޔޮ އަމަލެއް ކުރައްވާށެވެ!" 

އިންސާނުން ކަމަށްވީތީ ފާފަ ކުރެވޭނެއެވެ. ވީމާ ޤަޞްދުގައި ނަމަވެސް ޤަޞްދުގައި ނޫން ނަމަވެސް ފާފައެއް ކުރެވިއްޖެނަމަ ރަނގަޅު ވަގުތެއް ޖެހުމުން ތައުބާވާން މަޑުނުކުރާށެވެ! ހަމަ ވަގުތުން ތައުބާވެ ހެޔޮ ޢަމަލެއް ކުރާށެވެ! ފާފަކުރެވެމުން ދަނިކޮށް ނަމަވެސް މިކުރެވެނީ ފާފައެއްކަން އިޙްޞާޞް ކުރެވިއްޖެނަމަ އެ ޢަމަލު އިތުރަށް ކުރިއަށް ނުގެންދާށެވެ! ވަގުތުން ހުއްޓާލައި ތައުބާވާށެވެ! ހެޔޮ އަމަލެއް ކުރާށެވެ! 

މިޒަމާނުގައި ޒުވާނުންނަށް ކުރެވޭ އެންމެ ޢާންމު ފާފައަކީ މަސްތުވުމާއި ފާހިޝް އަމަލުކުރުމެވެ. މި އަމަލެއް ކުރެވެމުންދާ ވަގުތުގައިވެސް މިކުރެވެނީ ފާފައެއްކަން އިޙްޞާބް ކުރެވިއްޖެނަމަ އަވަހަށް އެކަން ކުރުން ހުއްޓައިލާށެވެ! އެ މާހައުލަކުންވެސް ނުކުމެ ދުރަށްދާށެވެ! އެ މާޙައުލުގައި އެވަނީ ޝައިޠާނާގެ ބާރާއި ނުފޫޒެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ﷲ ތަޢާލާއަށް ތައުބާވެވޭނީ ފަހުގެ ވަގުތެއްގައި ކަމަށެވެ. ފާފަކުރުމުގެ ވަގުތުގައި އެކަން ނުކުރެވޭނެ ކަމަށެވެ. އެއީ ކާކު ދެއްކި ވާހަކައެއް ހެއްޔެވެ؟ ފާފައެއް ކުރެވުމުގެ މެދުތެރެއިން ނަމަވެސް މިކުރެވެނީ ފާފައެއްކަން އިޙްޞާޞް ކުރެވިއްޖެނަމަ އެއީ ވެސް ﷲ ތަޢާލާ ދެއްވެވި ވަރަށް މަތިވެރި ނިޢްމަތެކެވެ. ޝުކުރުވެރިވެ ފާފަކުރުން ވަގުތުން ހުއްޓާލައި ޛިކްރުކުރަން ފަށާށެވެ! ﷲ ތަޢާލާއަށް ޛިކްރު ނުކުރެވޭނެ ވަގުތެއް އަދި ޙާލަތެއް ނުއަންނާނެއެވެ. 

ލޮބުވެތި ޒުވާނުންނޭވެ! ތިއައިން ޒުވާނަކު މިބުނިފަދައިން ޢަމަލުކޮށްފިނަމަ އެކަން ވެގެންދާނީ ޝައިޠާނާ އާއި ދެކޮޅަށް ކުރެވުނު ވަރުގަދަ ޖިހާދަކަށެވެ. އަމިއްލަ ނަފްސާއި ދެކޮޅަށް ވެވުނު މަތިވެރި ޤުރްބާނީ އަކަށެވެ. އެންމެ މަތިވެރި ޖިހާދަކީ ހަވާނަފުސާއި ދެކޮޅަށް ކުރާ ޖިހާދުކަމަށް އޮތް ބަސްފުޅުން ހިތްވަރު ލިބިގަންނާށެވެ!

ތިބާ އެފަދަ ޤުރްބާނީއެއް ވެއްޖެ ނަމަ އެހާލަތުގައި ތިބާއަށް ކުރެވުނު ފާފައަކީ އަޅުކަމަކަށް ބަދަލުކޮށްދެއްވެވުމަށް ވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ! އަހަރެމެންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ދުޢާކުރުމެވެ! 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން