ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫން!

ކިޔުމަށް ހޭދަވާނީ 2މ 48ސ
ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫން!

"ޤިޔާމަތް ދުވަހުން މާތް ﷲ ސުބްޙާނަހޫ ވަޠައާލާ، އެކަލާނގެއަށް ސަޖިދަ ޖެހުމަށް ހުރިހާ އަޅުތަކުންނަށް ވަޙީކުރައްވަވާނެއެވެ.

ނަމަވެސް މިބިންމަތީގައި އުޅުނު އިރު ނަމާދު ނުކޮށް (ނަމާދު އަޅާފައި) އުޅުނު މީސްތަކުންނަށް އެދުވަހަކުން ސަޖިދައެއް ނުޖެހޭނެއެވެ. އަދި އެބައި މީހުންގެ މޫނުތަކަށް ބިރުވެރިކަން ވެރިވެގަނެ، ލަދުން އެބައިމީހުންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކުރާނެއެވެ.

މިބިންމަތީގައި އުޅުންއިރު، ނަމާދަށް އަވަސްވެ ގަތުމަށް ގޮވާލި އަޑު (އެހެނީ ބައްގީގެ އަޑު) އެބައި މީހުންނަށް ވެސް އިވުނެވެ. ނަމާދު ގާއިމް ކުރަން ދެވެން އޮތް ދުވަހު، އެބައިމީހުން ވަނީ އެބަންގީގެ އަޑަށް ބީރު ކަންފަތެއް ދީފައެވެ. ދުނިޔެވީ އެހެން ކަންތައްތަކުގައި މަސްހުނިވެ އުޅުމަށްޓަކައި، އެބައިމީހުން ވަނީ މާތް ރަސްކަލާނގެއަށް ސަޖިދަ ޖެހުމުން ދުރުވެގަނެފައެވެ.

މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އޭގެ މާނައަކީ މިބިންމަތީގައި ދިރިއުޅޭ މަދު ދުވަސްކޮޅު ނަމާދު ނުކޮށް އުޅޭ އަޅުން ދެކެ މާތް ﷲ ކޯފާ އިސްވެ ވޮޑިގަންނަވާނެއެވެ. އަދި އެފަދަ އަޅުންނަށް އެކަލާނގެ އަޒާބު ދެއްވާ، އާޚިރަތް ދުވަހުން ނަރަކައިގެ ވޭން ދެނިވި އަލިފާންގަނޑުގެ ތެރެއަށް އެއްލާލައްވާނެއެވެ.

ނަރަކަވަންތަވެރީން އެންމެ ފުރަތަމަވެސް ނަރަކައަށް ވަންނުމުން، އެމީހުންގާތު އަހާނެއެވެ. 'ނަރަކައަށް ވަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟' ޖަވާބުގައި އެމީހުން ބުނާނެއެވެ. 'ތިމަންމެން ދުވަހަކު ވެސް ނަމާދެއް ނުކުރަމެވެ."

ދީނީ ޢިލްމުވެރިއެއް ކަމަށްވާ އިމާމް އަޙުމަދު (ރަޟިއަﷲ އަންހު) ވިދާޅުވެފައިވަނީ "ގަސްތުގައި (އެދެވިގެންވާ އުޛުރަކާއި ނުލާ) އެންމެ ނަމާދެއްވެސް އަޅައިފި މީހަކީ ތަޤްވާވެރިއެއް ނޫނެވެ."

ޝެއިޚްއެއް ބުނެފައިވެއެވެ. "ފަތިސް ނަމާދަށް ހޭލުމުގެ ނިޔަތުގައި އެލާމް ނުޖައްސައިފި މީހާ (މާނައަކީ ފަތިސް ނަމާދަށް ހޭލަން ނިޔަތް ނުގަންނަ މީހާ) އަށް އެކުރެވެނީ ޝިރުކެކެވެ."

ތިމާއަކީ އެލާމަކާއި ނުލާ ފަތިސް ނަމާދަށް ހޭނުލެވޭނެ މީހެއްކަން އެނގިހުރެ ވެސް، ގަސްތުގައި އެލާމް ނުޖައްސާ، ނަމާދަށް ހޭލަން މަސައްކަތް ނުކުރާ މީހަކަށް ކުރެވިފައިއެވަނީ ޝިރްކެކެވެ. ނަމާދަކީ އަހަރުމެންނާއި އިސްލާމްކަމާއި ގުޅުވައިދޭ އެންމެ ބޮޑު ގުޅުމެވެ.

ސަޙީޙް މުސްލިމް ގައި ބަޔާން ކޮށްފައިވާ، ރަސޫލާ (ޞޢޥ) ގެ ސައްޙަ ޙަދީޘްފުޅެއްގެ މާނައިގާ ވެއެވެ. "މުސްލިމެއްގެ އީމާންކަމާއި އިސްލާމްކަމުން ދުރުކޮށް ޝިރްކު ކުރުމާއި ކުފްރު ވުމާއި ގާތް ވަނީ، ނަމާދު ގާއިމް ކުރުމުން ދުރުވުމުންނެވެ."

މިޙަދީޘްފުޅު އިތުރަށް ކިޔާ ދެއްވަމުން އިމާމް ޝައުކާނީ ވިދާޅުވެފައިވަނީ ނަމާދު ގާއިމް ނުކުރުމަކީ ބޮޑުވެގެންވާ ކުފުރެއްކަން، ޙަދީޘުން ފުރިހަމައަށް ހާމަވެގެންދާ ކަމަށާއި އެއީ ތަޤްވާވެރި ނޫން އަޅުންގެ ޢަމަލެއްކަން ވެސް ހާމަވާ ކަމަށެވެ.

ނަމާދު ގާއިމު ނުކުރާ ފަރާތްތަކަކީ ކާފިރުން ކަމުގައި ބެލެވެއެވެ. އެއީ ތަޤްވާވެރީންނެއް ނޫނެވެ.

ނަމާދު ނުކުރި ނަމަވެސް އެއީ މުސްލިމެކޭ ނުބުނާށެވެ. ގަސްތުގައި ނަމާދު އަޅައިފި އެއްވެސް މީހަކަށް އެއްވެސް އުޛުރެއް ނެތެވެ.

ދެމަފިރިއެއްގެ ތެރެއިން ފިރިމީހާ ނަމާދު ނުކުރާނަމަ، އެކައިވެންޏެއް ވެސް ބާޠިލްވީއެވެ. އެއީ ނަމާދު ގާއިމް ނުކުރާނަމަ އެވެނީ ތަޤުވާވެރިއެއް ނޫން ކަމުގައެވެ. އަދި އެފަދަ މީހަކާއިއެކު ކައިވެނި ސައްޙައެއް ނުވާނެއެވެ.

ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫނެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް، މަދުވެގެން ފަރުޟު ފަސް ނަމާދު ގާއިމް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. އެކަމާއިމެދު އެކަކުވެސް ކަންނެތް ވެގެން ނުވާނެއެވެ.

 

--އައްޝެއިޚް ޑރ. ތައުފީޤް ޗައުދަރީގެ ދަރުސަކުން

މިއަދު އޮންލައިން