ކްރިސްމަސް ދުވަސް ކްރިސްޓިއަނުން ފާހަގަކުރަނީ ﷲ ތަޢާލާއަށް ދަރިކަލަކު ލިބިވޮޑިގެންނެވި ދުވަހުގެ ގޮތުގައެވެ. ވީމާ އެދުވަހުގެ އުފަލުގައި އެމީހުންނާއި ބައިވެރިވެ މަރުޙަބާ ކިޔުމުން އެ ބުނެވެނީ ﷲ ތަޢާލާއަށް ދަރިކަލަކު ލިބިވޮޑިގެންނެވި ކަމުގެ އުފަލުގައި ތިމަންނާވެސް ބައިވެރިވާ ކަމަށެވެ. މިއީ އިސްލާމީ ޢަޤިދާ އާއި މުޅިން ޚިލާފް ކަމެކެވެ. ދީނުން ބޭރުވެގެންދާނެ ކަމެކެވެ. މިކަން ހިމެނިގެންދާނީ ޝިރުކުރުމުގެ ތެރެއިންނެވެ.
"މިކަމުގަ ބޮޑު 2 މައްސަލަ އެބަ ކުރިމަތިވޭ. ފުރަތަމަ ކަމަކީ ﷲ ތައާލާއަށް ދަރިކަލަކު ލިވޮޑިގެންނެވި ކަމަށް ޤަބޫލުކުކުރުމާ އެކަމަށް ތަހުނިޔާ ކިޔުން. ދެވަނަ ކަމަކީ ޢީސާގެފާނަކީ އެމީހުން ކަލެއް ކަމަށް ވެސް ޤަބޫލުކުރާ ފަރާތަކަށްވާކަން. އަދިވެސް ނިކަން ވިސްނައިލާ! މީހުން މެރުމާ ވައްކަންކުރުމާ ޒިނޭކުރުމާ މިފަދަ ކަންކަން ކުރުމަށްވުރެ މާނުބައި އަމަލެއް ޝަރީކުކުރުމަކީ. އެއްވެސް މުސްލިމަކު ބުނާނެތޯ ކަލޭ މީހަކުމެރުމުން، ޒިނޭކުރުމުން، ވައްކަން ކުރުމުން މަރުޙަބާއޭ! ދެން ކިހިނެއްތޯ ﷲ ތަޢާލާއަށް ޝަރީކުކޮށް އެކަލާނގެއަށް ދަރިކަލަކުވާކަމަށް ބުނުމުން މަރުޙަބާ ކިޔާނީ؟
"ޑިސެމްބަރު ނިމެންދަނީ. ފަހުކޮޅުގަ އެބަ އާދޭ ކްރިސްމަސް. ކްރިސްމަސް ތަހުނިޔާ ކިޔުމުގައި ދީނީ ގޮތުން ހުރި ނުރައްކައުތެރިކަން ބުނެދޭ މީހާ ބަލަނީ ހައްދުފަހަނައަޅައިފައިވާ މީހެއް ކަމަށް. ނަމަވެސް މިފަދަ ކޮންމެ ކަމެއްގެ ނިމުންވަނީ އަޅުގަނޑުމެން އިސްލާމް ދީނުން ބޭރުކޮށް ނަރަކައަށް ބަދަލުކޮށްލުން. މިފަދަ ކޮންމެ ޤަބޫލުކުރުމެއްގެ ނަތީޖާއަކަށް ވަނީ ޝައިޠާނާގެ ބަސް ޤަބޫލުކުރުމާ ﷲ އަށް ކާފިރުވެ އެމީހަކު ނަރަކަވަންތަވެރިއަކަށް ވެގެންދިއުން."
މިހާރަކަށް އައިސް ކާފިރުން މަރުވުމުން އެމީހުންނަށްޓަކައި ހެޔޮ ދުޢާ އެބަ ކުރެއެވެ. އެމީހުންނަށް ސުވަރުގެ ދެއްވެވުމށް އެބަ އެދެއެވެ. އެކަމަށްޓަކައިވެސް އެބަ ދުޢާ ކުރެއެވެ. ދުނިޔޭގެ މަޝްހޫރު މީހުން މަރުވުމުން (އެއީ މުސްލިމުން ނޫން މީހުން) ސޯޝަލް މީޑިއާގައިވެސް އެބަ ދުޢާ ކުރެއެވެ. ކާފަރުންގެ ޢީދުތައް ފާހަގަކޮށް ތަހުނިޔާވެސް އެބަ ކިޔައެވެ.
ތިމަންނަ އީމާންވަނީ ﷲ ތަޢާލާއަށޭ އެހެން ދީނަތަކުގެ މީހުންނަށް ތަހުނިޔާކިޔަނީ ހިތުގައި އެއްވެސް އެއްޗެއް އޮވެގެން ނޫން ކަމަށް ބުނަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ބުދުތަކާއި އެހެންވެސް އަޅުކަން ކުރަން ބޭނުންވާ ތަކެއްޗާއި ގުޅުވައިގެން ފާހަގަކުރާ ޢީދުތަކުގައި ބައިވެރިވުމަކީ ޝަރީކުކުރުމެވެ. އެއީ މިބިންމަތީގައިވާ އެންމެ ބޮޑު އަނިޔާވެރިކަމެވެ.
ކާފަރުން މަރުވުމުން "މޭ ހިމް ރެސްޓް އިން ޕީސް" އެބަ ބުނެއެވެ. ކިތަންމެ ބޮޑު ވެރިއަކު ކިތަންމެ ބާރަށް ބުނި ނަމަވެސް އެކަން އެހެނެއް ނުވާނެއެވެ. މުޝްރިކުންގެ ގޮތުގައި މަރުވާ މީހުންގެ ކައްވަޅުވެސް ޤިޔާމަތް ދުވަސް ވެސް "ޕީސްފުލް" އެއް ނުވާނެއެވެ. ރެސްޓެއް ނުކުރެވޭނެއެވެ. ވީމާ އެމީހުންގެ މައްޗަށް ހެޔޮ ދުޢާއެއް ނުކުރެވޭނެއެވެ! ކާފިރުންނަށް ފާފަފުއްސަވައި ދެއްވެވުން އެދި ހެޔޮ ދުޢާކުރުމަކީ ޙަރާމްކަމެއްކަމުގައި ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
- ޝައިޚް އާދަމް ނިޝާންގެ ދަރުސަކުން