ހަމަ ޙަޤީޤަތުގައިވެސް ސުވަރުގެ އެދެމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހަމަ ޙަޤީޤަތުގައިވެސް ސުވަރުގެ އެދެމު ހެއްޔެވެ؟

"ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތް ނުކުރާ އެކަކަށްވެސް ސުވަރުގެ އެއް ނުލިބޭނެއެވެ."- ޢަލީގެފާނު 

ޢަލީގެފާނުގެ މި ބަސްފުޅަށް ލަފްޒީ ގޮތުން ބަލައިފިނަމަ އެއްވެސް ޚާއްޞަ ކަމެއް ނެތެވެ. ނަމަވެސް މަޢްނަވީ ގޮތަކަށް ބަލައިފިނަމަ މިއީ ވަރަށް ޢިބްރަތްތެރި ބަސްފުޅެކެވެ. ކޮންމެ މީހަކު ތާއަބަދުމެ ހަނދާންކުރަން ޖެހޭނެ ބަސްފުޅެކެވެ. 

އެހެނީ އެންމެންވެސް ސުވަރުގެ ބޭނުންވެއެވެ. ނަމަވެސް ސުވަރުގެ ލިބިގަންނަން ކުރަން ޖެހޭ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރެވެނީ ހަމަ ވަރަށް މަދު މީހަކަށެވެ. އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭތަނުގައި އެންމެ އަސާސީ މިންވަރަށްވެސް މަސައްކަތް ކުރެވެނީ ވަރަށް މަދު މީހަކަށެވެ. 

ތިމާއަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހެއް ކަމަށްވީތީ ސުވަރުގެ ދެއްވަވާނެކަމަށް އުންމީދުކުރުމުގައި ވިސްނައިލަން ޖެހޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. މިސާލަކަށް ފަރުޟުތައް ފުރިހަމައަށް އަދާނުކުރެވޭނަމަ ދާނީ ދަރަނިވެރިވަމުންނެވެ. ފަރުޟު އަދާނުކުރެވިގެން ދަރަނިވެރިވާންޖެހުމަކީ އަމިއްލައަށް ލިބިގަންނަ ފާފައެކެވެ. 

އެނގި ތިބެގެންނާއި ނުއެނގި ތިބެ ވެސް މިދަނީ ފާފަތައް ކުރެވެމުންނެވެ. އެކަންކަމުގެ ކައްފާރާއަކަށް އޮތީ ތައުބާވެ ހެޔޮ އަމަލުތައް ކުރުމެވެ. ވީމާ ދެއަތް އުރާލައިގެން ހުންނަ މީހާ އަށްވެސް 'ޥީއައިޕީ ޓިކެޓެއްގައި" ސުވަރުގެ ވަދެވިދާނެ ކަމަށް އުންމީދުކުރެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ 

ﷲ ތަޢާލާއަށް ޝަރީކު ނުކޮށް މަރުވާ މީހުން ކޮންމެވެސް ޒަމާނަކުން ނަރަކައިން ނެރުއްވަވާނެތެވެ! އިން ޝާ ﷲ. ނަމަވެސް އެއީ ކިތައް ޓްރިލިއަން ޓްރިލިއަން އަހަރުފަހުންކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. 

ވީމާ ސުވަރުގެ ލިބުން އެދި ކުރަންޖެހޭ މަސައްކަތް ކުރުން މަތީގައި ދެމިހުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ޢަލީގެފާނު ބަޔާންކޮށް ދެއްވަވާފައި އެވަނީ ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ. ނޫން ނަމަ ސުވަރުގެ ނުލިބޭނެ ކަމަށް ވިދާޅުވެފައިވާ ބަސްފުޅަށް ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން