އުނގެނުމަކީ ނިމުމެއް އޮތް ކަމެއް ނޫންކަން ދަރިންނަށް ވިސްނައިދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އުނގެނުމަކީ ނިމުމެއް އޮތް ކަމެއް ނޫންކަން ދަރިންނަށް ވިސްނައިދޭށެވެ!

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމްފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ!" މިއީ ޖިބްރީލްގެފާނު މެދުވެރި ކުރައްވަވައި ﷲ ތަޢާލާ ރަސޫލް (ޞޢވ) އަށް ފުރަތަމަ އެންގެވި އެންގެވުމެވެ. ނުވަތަ ކުރެއްވެވި ވަހީއެވެ. ވީމާ ޢިލްމު އުނގެނުމުގެ މަތިވެރިކަން މިއޮތީ އެނގޭށެވެ! 

ތިމާއަށް މިހުރީ ހުރިހާ ކަންކަން އެނގިފައިކަމަށް ޤަބޫލުކުރާ ނަމަ އެމީޙަކަށްވުރެ ބޮޑު ޖާހިލަކު ނުވެއެވެ. އެހެނީ އުނގެނުމަކީ ދިރިހުރިހައި ދުވަހަކު ނިންމައިލެވެން އޮތް ކަމެއް ނޫނެވެ! 

"ޢިލްމަކީ އައްސޭރިއެއް ނެތް ކަނޑެކެވެ!" އެކަނޑުގައި ކިތަންމެ ވަރަކަށް ފެތި ނަމަވެސް އައްސޭރިއަކަށް ފޯރުމެއް ނެތެވެ! އެހެންކަމުން އޮތީ އަބަދުވެސް ފެތުމެވެ. ފެތިވަރަކަށް ޢިލްމް އިތުރުވާނެއެވެ. އެކަމަށް ބުންވަރު ބޭނުންވާނެއެވެ! އަދި ހިތްވަރާއި ޝައުޤުވެރިކަންވެސް ބޭނުންވާނެއެވެ! 

ދަރިންނަށް ވިސްނައި ދޭށެވެ! އުނގެނުމަކީ ނިމެން އޮތްކަމެއް ނޫންކަމެވެ. އެއް ފާހަށްފަހު އޮތީ އަނެއް ފާސް ހޯދަން މަސައްކަތްކުރުން ކަމެވެ. އެންމެ މަތީ ފާސް ލިބުމުން ވެސް އިތުރަށް އުނގެނެން މަސައްކަތް ނުކުރާ މީހަކަށް ދިރުމެއް ނެތް ކަމެވެ. 

މުސްލިމް އުންމަތްތަކަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޢިލްމު އުނގެނުމުގައި ކަންނެތްވުމެވެ. ކޮންމެ ކަމެއް ކުރަންވުމުން ބޭރުން ތަޖުރިބާކާރުން ގެންނަން ޖެހެނީ އެހެންވެގެންނެވެ. ތިމާމެންގެ ކިބައި ޢިލްމާއި ތަޖުރިބާ ނެތުމުންނެވެ. ނަތީޖާޢަކީ އަޅުވެތިކަމުގެ ކަސްތޮޅުން ކަސްތޮޅުއެޅުމެވެ. ވީމާ ކަސްތޮޅުން ސަލާމަތްވާން އެދޭނަމަ އޮތީ އުނގެނުމެވެ. 

އާޚިރަތް ހޯދެން އޮތީވެސް އުނގެނިގެންނެވެ! ދީނުގެ ކަންކަން ދަސްކޮށްގެންނެވެ. ދީނުގެ ޙުކުމްތައް އެނގިގެންނެވެ. ވީމާ އެންމެ ކުޑައިރުންސުރެ މިކަންކަން ދަރިންނަށް ވިސްނައިދީ އެކުދިންނަކީ އުނގެނުމަށް ޝައުޤުވެރިވާ ބައަކަށް ހަދާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން