މިއީ ތިބާއަށް ކޮނެފައިވާ ކައްވަޅުކަން އެނގޭނަމަވެސް މަރާއިމެދު ޣާފިލުވެފައި ހުންނާނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މިއީ ތިބާއަށް ކޮނެފައިވާ ކައްވަޅުކަން އެނގޭނަމަވެސް މަރާއިމެދު ޣާފިލުވެފައި ހުންނާނީ ހެއްޔެވެ؟

މިހިރީ ކޮނެފައި ކައްވަޅެކެވެ! މިވަޅު ކޮނެވިފައި ތިބާ ވަޅުލުމަށް ކަމަށާއި ކުރިއަށް އޮތް މަދު މިނިޓް ކޮޅެއްގެ ތެރޭގައި ތިބާ އެ ވަޅުގައި ވަޅުލެވޭނެކަން އެނގޭނަމަވެސް ތިބާ ހަމަ މަރާއިމެދު ޣާފިލުވެގެން ހުންނާނީ ހެއްޔެވެ؟ 

 

ގިނަގިނައިން ސަހަރާއަށް ދިއުމަށް އަންގަވައި ޖަނާޒާތަކުގައި ބައިވެރިވުމަކީ މުސްލިމް އަޚާޢަށްޓަކައި އަދާކުރަން ޖެހޭ ވާޖިބެއް ކަމުގައި ލައްވަވައި އަދި އެކަމުން ލިބޭނެ ދަރުމަ އެހައި މަތިވެރި ކުރައްވަވާފައި އެވަނީ ކޮނެވިފައި ހުންނަ ކައްވަޅުތައް ދުށުމަށެވެ! ދެން ވަޅުލެވޭނެ މީހަކަށް ތިމާ ވެދާނެ ކަމާއިމެދު ވިސްނައި ފިކުރުކޮށް ބިރުވެތިވުމަށެވެ. 

މީހެއްގެ ކަށުނަމާދުގަ އާއި ޖަނާޒާގައި ބައިވެރިވުމުން އުހުދު ފަރުބަދަ ވަރުގެ ދެ ފަރުބަދަ ޢާއި އެއްވަރުގެ ހެޔޮކަން އެމީހަކަށް ދެއްވަވާފައި އެވަނީ ވަރަށް މަތިވެރި ޙިކުމަތަކަށްޓަކައެވެ! އެއިގެ ތެރެއިން ކުރިން މިބަޔާންކުރި ކަންކަމުގެ އިތުރުން ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ! މީސްތަކުން ނަރަކައިން ސަލާމަތްވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރުވެސް ނިކަން ދެކިބަލާށެވެ! 

ނަރަކައިން ސަލާމަތްވުމުން ހުރިހާ ފައިދާއެއް ކުރާނީ އެމީހަކަށެވެ! ނަމަވެސް މަރުވުމާއިމެދު ވިސްނައި ނަރަކައިން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ހިތްވަރު ލިބޭނެ ކަންކަން އަހަރެމެން ކުރުމުންވެސް ސަވާބު އެ ދެއްވަވަނީ އުހުދު ފަރުބަދައިގެ ބޮޑުމިނުންނެވެ! 

މީސްތަކުންނޭވެ! މަރު އައިސް ބައްދަލުކުރާނެ ވަގުތު އެނގޭނެ ހަމަ އެކަކުވެސް ނެތެވެ! ޔަޤީންވާ ކަމަކީ މަރުވާނެ ކަމެވެ.

"ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިއަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިއަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (އާލްޢިމްރާން: 185) 

މިއާޔަތުން އިތުރަށް ލިބިގަންނަންވީ ފިލާވަޅެއްވެސް އެބައޮތެވެ! ތަޤްވާވެރިންނަށްވެސް މިދުނިޔޭގައި ދަތިޙާލުގައި އުޅެން ޖެހޭ ސަބަބެވެ. "އަދި، (ތިއަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިއަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުން" ކަމުގައި ވަޙީ ކުރައްވަވާފައި އޮތުމުންނެވެ. 

އެހެންކަމުން މިދުނިޔޭގައި ނިކަމެތި ޙާލަތެއް ކުރިމަތިވި ނަމަވެސް ކަންބޮޑުނުވާށެވެ! މިދުނިޔޭގައި އަހަރެމެން މިކުރާ ހެޔޮ ޢަމަލުތަކަށް ޙައްޤު ޖަޒާ ޤިޔާމަތް ދުވަހު ދެއްވަވާނެތެވެ! އެއީ ދުނިޔޭގެ އުފަލަށްވުރެ އެތައްހާސް ގުނައެއް މަތިވެރި ނިޢްމަތެކެވެ! ވީމާ ދުނިޔޭގައި އުފުލަން ޖެހޭ ތަކްލީފަށް ކަންބޮޑުވެ ޝަކުވާ ނުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން