ތިބާގެ އާޚިރަތް ދުވަސް މިއަދުފެށިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިބާގެ އާޚިރަތް ދުވަސް މިއަދުފެށިދާނެ!

އާޚިރަތް ދުވަހެވެ ބުނެވިއްޖަ ނަމަ ގިނަ ބައަކަށް ވިސްނެނީ އެއީ ދައްޖާލު ފައުޅުވެ، ބޮޑު ދާއްބަވެސް ފައުޅުވެ މަހްދީގެފާނުވެސް ފައުޅުވެ ދުނިޔެ ނިމެން ހިނގާނެ ހުރިހާ ކަމެއް ހިނގައި ނިމި ހުޅަނގުފަރާތުން އިރުއަރާފަހުން އަންނާނެ ދުވަސް ކަމަށެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް އިސްރާފީލްގެފާނު ތާޅަފިލި ފުމެލެއްވެވުމުން އަންނާނެ ދުވަސް ކަމަށެވެ. 

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް އާޚިރަތް ދުވަހެއް ވެއެވެ. އެދުވަސް އަހަރެމެން އެއްވެސް މީހަކާއި ބައްދަލުވުމަކަށް ކުރިން މިބަޔާންކުރި އެއްވެސް ކަމެއް ހިނގާނެ ދުވަސް ބައްދަލެއް ނުކުރާނެއެވެ! އެހެނީ މިއަދު ދުނިޔޭގައި މިތިބަ އެއްވެސް މީހަކަށް މި ބަޔާންކުރި އެއްވެސް ކަމެއް ފެންނާނެ ކަމުގެ އެއްވެސް ޢަލާމާތެއް އަދި ފެނިފައި ނުވާތީއެވެ! 

ނަމަވެސް އެމީހަކު މަރުވުމުން އެވަގުތުން ފެށިގެން އެވަނީ އެމީހާގެ ޢާޚިރަތް ދުވަސް ނިމިފައެވެ. އެމީހާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާ ވަގުތުން ފެށިގެން އެވަނީ އެމީހާގެ ޢާޚިރަތް ދުވަސް ފެށިފައެވެ. 

ވީމާ ހިތްމައްޗަށް އަބަދުވެސް ގެންނަންވީ ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮން ވަގުތަކުތޯ ސުވާލު ކުރެއްވެވި ޞަޙާބީ އާއި ރަސޫލް (ޞޢވ) ކުރެއްވެވި ސުވާލެވެ. "އެދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން އެއްޗެއްތޯ" ކުރެއްވެވި ސުވާލެވެ! 

މީސްތަކުންނޭވެ! ކޮންމެ ވަގުތަކުވެސް އެމިހެއްގެ އާޚިރަތް ދުވަސް އައިސް އެމީހަކާއި ބައްދަލުކޮށްފާނެއެވެ! އޮތީ ފުރިހަމައަށް ތައްޔާރުވެގެން ހުރުމެވެ! އެކަމަށް ތައްޔާރަށް ނުވެ ހުރުމަކީ އާޚިރަތް ދުވަހަށް ބިރު ނުގަންނަ ކަމުގެ ހެއްކެކެވެ! ވީމާ އެފަދަ މީހަކަށް ނުވާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން