ތިބާދެކެ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެފައިވާ ނަރަކައަށް ތިބާ އެއްލައިލެވޭއިރު ގަންނާނެ ބިރަށް މިއަދު ބިރުވެތި ނުވިނަމަ..!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިބާދެކެ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެފައިވާ ނަރަކައަށް ތިބާ އެއްލައިލެވޭއިރު ގަންނާނެ ބިރަށް މިއަދު ބިރުވެތި ނުވިނަމަ..!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ނަރަކައަކީ ހަމައެކަނި އަލިފާންގަނޑެއް ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. ނަރަކައިގައި ދިރުންވެއެވެ. ނަރަކައަށް ބާރުތަކެއްވެސް ލިބިގެންވެއެވެ. ކީއްކުރުމުގެ ބާރު ހެއްޔެވެ؟ ނަރަކައަށް ވަންނަން ޖެހޭ މީހުންނަށް ގަދަފަދަ ޢަޛާބު ދިނުމުގެ ބާރެވެ!  

"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވި މީހުންނަށް ނަރަކައިގެ ޢަޛާބް ހުށްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ."

"އެ ނަރަކައިގެ ތެރެއަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ ޙާލުގައި، އެތެރެއަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ."

(މުލްކް: 6،7)  

"އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (ކާފިރުންގެ) ފައުޖެއްގެ އެ ނަރަކައަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ ސުވާލު ކުރައްވާނެތެވެ. އިންޒާރު ކުރައްވާ ރަސޫލަކު ތިއަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟" (މުލްކް: 8)

ތިބާ ދެކެ ރުޅި އަންނަ އަނިޔާވެރިއެއްގެ އަތްދަށުވުމުން އިންތިހާއަށް ބިރުގަންނައިއރު ތިބާ ދެކެ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެފައިވާ ނަރަކައަށް ތިބާ އެއްލައިލެވޭއިރު ގަންނަން ޖެހޭނެ ބިރު ނިކަން ހިތަށް ގެނެސްބަލާށެވެ!

މިއީ އަދި ހަމައެކަނި މީހާ ނަރަކައަށް އެއްލައިލެވޭ ވަގުތުގެ ވާހަކައެވެ. ދުނިޔޭގެ އަލިފާނަށްވުރެ 69% ހޫނުގަދަ ނަރަކައިގެ އަލިފާނުގައި އަނދައަނދައި އޮންނަން ޖެހޭނެ ޙާލާއިމެދު ފުންކޮށް ވިސްނައިލާށެވެ!  

ނަރަކައިގެ ޢަޛާބުގެ ވާހަކަތައް ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި ބަޔާންކުރައްވަވާފައި އެވަނީ އެކަންކަމާއިމެދު ފުންކޮށް ވިސްނުމަށެވެ. "އެ ނަރަކައިގެ ތެރެއަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ ޙާލުގައި، އެތެރެއަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ." އަޑު ކިތަންމެ ބާރަށް އިވުނިއްޔާ އެދުވަހުން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ހަމަ އަނދައަނދައި އޮންނަން ޖެހޭނީ ނޫން ހެއްޔެވެ؟ ތިބާގެ ހަށިގަނޑު ނަރަކައިގެ ތެރެއަށް ދަމައިލެވުމުން ސަލާމަތްވެގެން ނުކުންނަން ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ!  

އެހާލަތުން ސަލާމަތް ވުމަށް އެދުވަހު ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އެކަން ޤަބޫލުކުރާ މީހާއަށް އޮތީ "ތިބާދެކެ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެފައިވާ ނަރަކައަށް ތިބާ އެއްލައިލެވޭއިރު ގަންނާނެ ބިރަށް މިއަދު ބިރުވެތި ވުމެވެ." ވީމާ ބޭނުންވާ ގޮތް މިއަދު އިޚްތިޔާރުކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން