އެމީހަކީ ކިތަންމެ ގާތް މީހަކު ނަމަވެސް އެއްވެސް މީހަކު ބުނާ ހުރިހާ ކަމެއް ޤަބޫލު ނުކުރާށެވެ! އަދި އެއްބަސްވެސް ނުވާށެވެ! އެއީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް އެކަމަކާއިމެދު ފުންކޮށް ވިސްނަންވާނެއެވެ. އެކަމަކީ ރަނގަޅު ކަމެއްކަން ނޫންކަން ކަނޑައަޅަން ވާނީ އިސްލާމް ދީނުގެ އިންތަކުންނެވެ.
މީގެ މާނައަކީ މީހަކު ބުނާ ކޮންމެ ވާހަކަ އަކާއި ދެކޮޅު ހެދުމެއްވެސް ނޫނެވެ. އެ ވާހަކައެއް މިނެ ކިރުމަށްފަހު ގޮތް ނިންމުމެވެ. މިނެ ނުކިރައި ވަގުތުން އެވާހަކައަކަށް ތައްރީފްކުރަމުން، ބަލައިގަންނަމުންދާނަމަ މުނާފިޤަކަށް ވެދާނެ ކަމުގެ ބިރު އެބައޮތެވެ. އެ ބުނަނީ ޙައްޤު ނޫން ބަހެއްކަން އެނގިހުރެވެސް ޤަބޫލުކޮށްފިނަމައެވެ.
ކިތަންމެ ލޯބިވާ އަދި ޤަދަރުކުރާ މީހަކު ނަމަވެސް ނުރަނގަޅު ވާހަކައެއް ދައްކައިފިނަމަ އެކަމުގެ ރަނގަޅު ގޮތް ބުނެދޭށެވެ. ނަމަވެސް ޒުވާބު ނުކުރާށެވެ! ހިނިތުންވެ ހުރެ އިޙްތިރާމާއިއެކު ކިޔައިދޭށެވެ!
މުޝްރިކުން ރަސޫލް (ޞޢވ) އަރިއަހަށް ގޮސް ހަދިހުތުރު އެއްޗެތި ގޮވައި ހެދިއިރުވެސް އަޑު އެއްސެވިއެވެ. އަދި އެމީހުންނަށް ކަންކަން އޮޅުންފިލުއްވަވައި ދެއްވަވައި ޖަވާބު ދެއްވެވީ އެމީހުންގެ ވާހަކަ ނިމުނުކަން ޔަޤީންކުރެއްވެވުމަށްވެސް ފަހުގައެވެ. މިއީ މުސްލިމުން އަބަދުވެސް ޢަމަލުކުރަން ޖެހޭނެ ގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން