މާލޭގެ މިސްކިތްތަކުން ބަންގި ގޮވާއަޑު މަޑު ވަރަށް ބޮޑުތަން މަޑުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޤަބޫލުކުރެވޭ ވަރުގެ ހެކި އިއްޔެ ލިބިއްޖެއެވެ.
ކަންދިމާވިގޮތުން މަޣްރިބް ނަމާދަށް ގޮވީ އޮލިމްޕަސް ފަސްދީ އިރަށް ދެވުނު ފަހުންނެވެ. ހީނާމާގޭ ސަރަހައްދުން ނެއްޓެވުމުން ބަންގީގެ އަޑެއް ނުއިވެއެވެ. އިބްރާހީމީ މިސްކިތުގެ ތާޅަފިލީގެ އަދު އިވުނީ މަޖީދީ މަގު ސޯސަން މަގު ހަތަރުއަނގޮޅި އާއި އަރާ ހަމަވިފަހުންނެވެ. އެއީ ވައިރޯޅި ޖެހުނު ވަގުތެއްވެސް ނޫނެވެ. ވީމާ އަޑު ދުރަސް ދަމައި ގަންނާނެ ގޮތެއްވެސް ނުވިސްނުނެވެ.
އެހެކަމުން ކުރީގައި ކަޅުވަކަރު މިސްކިތް ހުރި ތަނުގައި ހުރި މިސްކިތުގެ ތާޅަފިލީގެ އަޑު ހުރި މިންވަރާއި އިބްރާހީމީ މިސްކިތުގެ ތާލަފިލީގެ އަޑު ހުރި މިންވަރު ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ.
އިއްޔެގެ ކުރީ ދުވަހު މަޣްރިބް ނަމާދުގެ ބަންގި ފުރުޤާން މިސްކިތުން ގޮވި އަޑު ސްޓެލްކޯ އާއި ހަމައަށް އިވުނީ ވެސް ހަމަ ކިރިޔާއެވެ. ކިޔާވ އެއްޗެއް ސާފުވެސް ނުވާވަރަށެވެ. މިއީ މީގެ ކުރިން އަޑު އިވެމުން އައި ވަރެއް ނޫނެވެ.
އެއްގަމުގޭ ގޯޅީގައި ހުންނަ މިސްކިތުން ނަމާދުކުރާ އަޑު މީގެ ކުރިން ސޯސަން މަގާއި ހަމައަށް އިވެއެވެ. ނަމަވެސް މިހާރަކަށް އައިސް އަޑު އިވެނީ މިސްކިތް ކައިރިއަށް ދިއުމުންނެވެ.
މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ މިސްކިތްތަކުގެ ސައުންސިސްޓަމްތަކުގެ ކަންކަން ބެލެހެއްޓުން މިހާރުވަނީ މިސްކިތްތަކުގެ ކަންކަން ބަލަހައްޓާ ކޮމިޓީން ވަކި ބައަކާއި ޙަވާލުކޮށްފައި ކަމަށެވެ. އެކަމާއި މާލޭ މުނިސިޕަލިޓީން ނުބެހޭ ކަމަށެވެ.
ވީމާ އެނގިގެން މިދަނީ މިސްކިތްތަކުގެ ސައުންޑުގެ ކަންކަން ބަލަހައްތަން މިހާރު ހަވާލުވެގެން އުޅޭ މީހުންނަކީ ބަންގީގެ އަޑު ދެކެ ވަރަށް ބޮޑަށް ރުޅި އަންނަ ބައެއް ކަމެވެ. މިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙގެ އަރިއަހުން ގިނަ ބައަކު އެދެއެވެ.