70 އަހަރާ ކައިރިވާއިރު ފުރިހަމަ ޞިއްޙަތެއްގަ މިހުރެވެނީ ﷲ އަށް ކިޔަމަންތެރިވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
70 އަހަރާ ކައިރިވާއިރު ފުރިހަމަ ޞިއްޙަތެއްގަ މިހުރެވެނީ ﷲ އަށް ކިޔަމަންތެރިވާތީ!

އަހަރެން ބައްޕައެއްހައި ލޯބިވާ އަދި އިޙްތިރާމް ކުރާ މީހަކު ޤައުމަށް އައިސް ބައްދަލުކުރަން ބުނުމުން އަހަރެން ދިއައިމެވެ. ގޮސް ވަދެވުނު ވަގުތަކީ މެންދުރު ނަމާދަށް ބަންގި ގޮވި ވަގުތެވެ. ސަލާމްކޮށްލާފައި އަހަރެން ބުނީ މިދަނީ މިސްކިތަށް ކަމަށެވެ.  

އެވަގުތު އަހަރެންގެ ހާލުގެ ވާހަކައިން އޭނާ ސުވާލުކުރިއެވެ. އަހަރެން ބުނީމެވެ. ދެ މީހުން ދާދި އެއް އުމުރު ނަމަވެސް ޙާލު ވަރަށް ތަފާތެވެ. އަހަރެންގެ ގައަކު ހަކުރެއް ނެތެވެ. ލޭ މައްޗަކަށް ނުދެއެވެ. އެހެންވެސް ބޮޑު ބައްޔެއް ނެތެވެ. އެހެންވެ އެއްވެސް ބޭހެއް ނުކަމެވެ.  

އޭނާއަކީ ވެސް އަހަރެންނާއި ދާދި އެއް އުމުރުގެ މީހެކެވެ. ބޮޑު މަހުޖަނެކެވެ. އިންސުލިން ޖަހައެވެ. ކޮންމެ ދުވަހަކު އެތައް ބައިވަރު ބޭހެއް ކައެވެ. އެހެންވެ އަހަރެން ބުނީމެވެ. "އަޚާއެވެ. ދެމީހުންގެ ތަފާތަކީ މިއެވެ. އަޚާ ނަމާދެއް ނުކުރެއެވެ. އެއްވެސް ޙެޔޮ އަމަލެއް ނުކުރެއެވެ. ޙަރާމް ކުރެއްވެވި ހުރިހާ ކަމެއް އެބަ ކުރެއެވެ. އަހަރެން އެފަދަ އެއްވެސް ކަމެއް ނުކުރަމެވެ. ބަރާބަރަށް ނަމާދުކުރަމެވެ."  

އޭނާއަށް ލިބުނީ ސިހުމެކެވެ. އެހިސާބުން އިތުރަށް މަޑެއް ނުކުރަމެވެ. އަވަހަށް ދިއައީ މިސްކިތަށެވެ.   

އަހަރެންވެސް ޤަބޫލުކުރަމެވެ. ކިތަންމެ ތަޤްވާވެރި ނަމަވެސް ބަލިވެސް ވާނެއެވެ! ބޭސްކާންވެސް ޖެހޭނެއެވެ. އެއީ ވެސް ﷲ ތަޢާލާ ކުރިމަތި ކުރައްވަވާ އިމްތިހާނެކެވެ. ކިތަންމެ ބަލި ނަމަވެސް ބޭސްކާން ޖެހުނު ނަމަވެސް ނަމާދުކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅޭ މިހާ އާއި ނޫޅޭ މީހާގެ މެދުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެއެވެ! އެއީ ހަމަ ވަރަށް ބޮޑަށް ޔަޤީންކަމެކެވެ. އަހަރެން ދަންނަ ވަރަށް ގިނަ މީހުންގެ ކިބައިން މިކަން ކަށަވަރުކޮށްފީމެވެ. 

- މިއީ މިއަދުނޫހުގެ އަހުލުވެރިއަކު ހިއްޞާކުރި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. 

 

 

 

 

މިއަދު އޮންލައިން