ލޯބިނުވާ ޙާލު ލޯބިވާކަމަށް ބުނުމަކީ މުނާފިޤަކަށްވެ ނަރަކައިގެ އެންމެ އަޑިއަށް ދާންޖެހިދާނެ ކަމުގެ ބިރު އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ލޯބިނުވާ ޙާލު ލޯބިވާކަމަށް ބުނުމަކީ މުނާފިޤަކަށްވެ ނަރަކައިގެ އެންމެ އަޑިއަށް ދާންޖެހިދާނެ ކަމުގެ ބިރު އޮތް ކަމެއް!

އަހަރެމެންގެ ތެރެއިން މަދުމީހަކަށް ނޫނީ ނަފުސުގެ ދެފުށް އެއްގޮތް ކުރުމަކީ ކުރެވޭ ކަމެއް ނޫނެވެ. ބޭރުފުށުން ކަންކަން ދެއްކޭ ގޮތާއި ހިތުގައި އޮންނަ ގޮތާއި ދިމައެއް ނުކުރެވެއެވެ. ދެކަން ވަރަށް ތަފާތެވެ. 

ލައިގެން ހުންނަ ހެދުން ކިތަންމެހައި ވެސް ރީތިވެފައި ރުލެއްވެސް ނުހުރެދާނެއެވެ. ނަމަވެސް ހިތުގައި އެފަދަ ތާހިރުކަމެއް ނުހުރެއެވެ. ހިތް އޮންނަނީ ނަޖިސްގަނޑެއްގެ ސިފައިގައެވެ. އޯގާތެރި، ހިތްހެޔޮ މީހަކަށް ހެދިގެން ވާހަކަ ދައްކާއިރު ހިތުން ބޭނުންވެގެން ހުންނަކީ ބޮޑު ދޯކާއެއް ދިނުމަށެވެ. 

އަނބިމީހާ ގާތު ނުވަތަ ފިރިމީހާ ގާތު ވަރަށް ލޯބިން ވާހަކަ ދައްކާއިރު ހިތް އެދެނީ އެހެން މީހަކަށެވެ. އިންތިޒާރުކުރެވެނީ އެކަނިވެރިވެލައި އެހެން މީހަކަށް ފޯނުކޮށްލާނެ ވަގުތަކަށެވެ. ބޭރަށް ނުކުމެ އެހެން މީހަކާއި ބައްދަލުކޮށްލާނެ ވަގުތަކަށެވެ. 

ޚާއްޞަކޮށް މިއަދުގެ ޒުވާނުން ވަރަށް ރަނގަޅަށް އަޑުއަހާށެވެ! ލޯބިނުވާ ހާލު ލޯބިވާކަމަށް ބުނުމަކީ ހެދޭ ވަރަށް ބޮޑު ދޮގެކެވެ. ކުރެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. މުނާފިޤުންގެ ތެރޭގައި ހިމެނިގެން ހިނގައިދާނެ ބޮޑު ފާފައެކެވެ. ވީމާ އެއީ ކުޅޭކުޅޭ ކަމަކަށް ނުހަދާށެވެ! އެއީ އެއަށްވުރެ ނުރައްކައުތެރިކަން މާ ބޮޑު ކަމެކެވެ.   

މުޖުތަމައުތަކުގެ ޢާންމު ދިރިއުޅުމަށް ބެލި ނަމަވެސް އަދި ޢާއިލީ ދިރިއުޅުމަށް ބެލި ނަމަވެސް އެންމެ ގިނަ މައްސަލަތައް ކުރިމަތިވަމުން އަންނަނީ މީހާގެ ދެފުށް އެއްގޮތް ނުވާތީއެވެ. ބޭރުފުށުން ދައްކާ ގޮތާއި ހިތް އެދޭގޮތް ދިމާނުކުރެވޭތީއެވެ. 

މީސްތަކުންނޭވެ! މިއީ ވަރަށް ނުރައްކާތެރި ވަބާއެކެވެ. އެހެނީ ނުއެނގިހުރެ އެ ވެއްޓެވެނީ މުނާފިޤުކަމުގެ ތެރެއަށެވެ! އެއީ ހާދަހައިވާ ނުބައި ކަމެކެވެ. ނަރަކައިގައިވެސް އެންމެ ގަދަފަދަ ޢަޛާބު ލިބޭނެ ބައަކީ މުނާފިޤުންނެވެ. ވީމާ އެފަދަ ކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަންކަމާއި ކއިރިވެސް ނުވާށެވެ! 

އަހަރެމެންގެ ހިތުގައިވާ އެއްޗެއް ވަންހަނާ ކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. މީހާ ކުރާ އަމަލުތަކަށް ޖަޒާ ދެއްވަވަނީ ނިޔަތުގެ މައްޗަށް ބައްލަވައިގެންކަން އެނގެން އޮތުމުން މި ބުނި ވާހަކައިގެ ތެދުކަން އެނގިގެންދާނެއެވެ!

 

- އިސްލާމީ ތިލފަތުގެ ދަރުސަކުން

މިއަދު އޮންލައިން