"ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ، ތިއަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 31)
މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެން މިދަނީ ﷲ ތަޢާލާއަށް ލޯބިވާކަމުގައި ވަނީނަމަ، ރަސޫލް (ޞޢވ) އަށް ތަބަޢަވެ ކިޔަމަންތެރިކަން އަދާކުރަން ޖެހޭ ކަމެވެ. ރަސޫލް (ޞޢވ) އަށް ކިޔަމަންތެރިކަން އަދާކުރުމުން ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ ކަމެވެ. އަދި އަހަރެމެންގެ ފާފަތައް ވެސް ފުއްސަވައި ދެއްވަވާނެކަމެވެ.
ވީމާ ބައަކު ތިމަންމެން ﷲ ތަޢާލާ އަށް އީމާންވަމުއޭ، ސުންނަތުގެ ވާހަކަ ނުދައްކާށޭ އެ ބުނާ ބުނުމަކީ ބާޠިލު ބުނުމެއްކަން އެދަނީ އެނގިގެންނެވެ. ވީމާ އެފަދަ ވާހަކަތައް އެއް ގޮތަކަށްވެސް އަޑުނުއަހާށެވެ. ޤަބޫލުނުކުރާށެވެ! ސުވަރުގެ ލިބުން އޮތީ އެއިރުންނެވެ!
ޝަހާދަތުގައި ރަސޫލް (ޞޢވ) ގެ ރަސޫލްކަން އެބަ ޤަބޫލުކުރަމުއެވެ. ވީމާ ރަސޫލް (ޞޢވ) ގެ ސުންނަތް ޤަބޫލު ނުކުރަން ދެއްކެން އޮތީ ކޮން ބަހަނާއެއް ހެއްޔެވެ؟ އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން