މާދަމާ ކުރާ ނަމާދު އިތުރަށް ފުރިހަމަކުރުމުގެ ވިސްނުން ގެންގުޅޭ މީހަކަށް އެކަން ކުރެވޭނެ ދުވަހެއް ނާންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މާދަމާ ކުރާ ނަމާދު އިތުރަށް ފުރިހަމަކުރުމުގެ ވިސްނުން ގެންގުޅޭ މީހަކަށް އެކަން ކުރެވޭނެ ދުވަހެއް ނާންނާނެ!

ނަމާދުކުރާ ބައެއް މީހުން ކޮންމެ ނަމާދެއްގައިވެސް ވިސްނަނީ މާދަމާ ކުރާ ނަމާދު އިތުރަށް ފުރިހަމަކުރުމަށެވެ. ވީމާ ބުނަމެވެ. މާދަމާ ކުރާ ނަމާދު އިތުރަށް ފުރިހަމަކުރުމުގެ ވިސްނުން ގެންގުޅޭ މީހަކަށް އެކަން ކުރެވޭނެ ދުވަހެއް ނާންނާނެއެވެ. 

"ނަމާދުކުރާއިރު އެ ނަމާދަކީ ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދު ކަމަށް ވެދާނެ ކަމަށް ބަލައިގެން ނަމާދުކުރާށެވެ!" މިއީ އާދައިގެ ބަސްފުޅެއް ނޫނެވެ. ނަޞޭޙަތަކަށް އެދި ދެންނެވި ޒުވާނަކަށް ރަސޫލް (ޞޢވ) ފުރަތަމަ ކުރެއްވެވި ވަޞިއްޔަތްފުޅެވެ. 

ބައެއް މީހުންނަށް ނަމާދުގައި ފަރުވާ ކުޑަކުރެވެއެވެ. ހިތަށް އަރަނީ މާދަން ނުވަތަ ދެން ކުރާ ނަމާދެއް ފުރިހަމަކޮށް އެތަން ފޫބެއްމަށެވެ. ނަމަވެސް އެއީ ވަރަށް މޮޔަ ވިސްނުމެކެވެ. މާދަމާ ދިރިހުންނާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަދި ދެން ޖެހޭ ނަމާދެއް އަންނަންދެންވެސް ދިރިހުންނާނެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ހަމަ އެއާއިއެކު ވިސްނައިލާށެވެ! ނަމާދަކީ ދަރަންޏެކެވެ. ދަރަނި އަދާކުރެވެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ނަމާދުކޮށްގެންނެވެ. ވީމާ އެންމެ ނަމާދެއްވެސް ފުރިހަމަ ގޮތުގައި ނުކުރެވިއްޖެ ނަމަ އެ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާ ނަމާދަކަށް ވެދާނެ ކަމާއިމެދު ބިރުވެތިވާށެވެ! ވީމާ އަހަރެމެންގެ މައްޗަށް އޮތީ ކުރާ ކޮންމެ ނަމާދެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. އެއް ނަމާދުގައި ފަރުވާ ކުޑަކޮށްފައި އަނެއް ނަމާދުގައި ފަރުވާ ބަހައްޓާފައި އެގޮތަށް ކަންކަން ކުރަން ވިސްނަން ހެޔޮވެސް ނުވާނެއެވެ. އެއީ ވަރަށް ބޮޑަށް ބިރުވެރިކަން ހުރި ކަމެކެވެ.  

ނަމާދަށް ހުންނަ ވަގުތަކީ އެދުވަހު ދިމާވި ކަންކަމަށް އަދި އެދުވަހު ކުރަންޖެހިފައި ހުރި ކަންތައްތަކަށް ވިސްނުމުގެ ވަގުތަކަށް ނުހަދާށެވެ! އެހެނީ އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ނަމާދުގައި ތިބާ އާއި ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުން އެވަނީ ކެނޑިފައެވެ. ތިބާ ގުޅިފައި އެވަނީ ތިބާ ކުރަން ހުރި ކަންތައްތަކާއިއެވެ. އެއިރުން ނަމާދުކުރުމުގެ މަޤްޞަދު އެވަނީ ނެތި ގޮސްފައެވެ. މިސަބަބަށްޓަކައި ކޮންމެ ނަމާދެއްގައި ހުންނައިރުވެސް އެ ނަމާދާއިމެދު ނޫނީ ނުވިސްނުމަށް ރަސޫލް (ޞޢވ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން