ތިމާގެ ޢަމަލުތައް އިޞްލާޙްކުރަން އެދޭ މީހާ ކޮންމެ ދުވަހަކު ކުރަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިމާގެ ޢަމަލުތައް އިޞްލާޙްކުރަން އެދޭ މީހާ ކޮންމެ ދުވަހަކު ކުރަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ!

"ތިމާގެ ޢަމަލުތައް އިޞްލާޙްކުރަން އެދޭ މީހާ ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކާށެވެ! އިޞްލާޙްކުރަން ހުރި ކަންކަން ދެނެގަންނާށެވެ! އެހެން މީހުންނަށް ދޮގު ހެދިދާނެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެމީހާގެ އަމިއްލަ ނަފުސަކަށް ދޮގެއް ނުހެދޭނެއެވެ. އެހެންކަމުން ތިމާގެ ކިބައިހުރި އިޞްލާޙްކުރަން ޖެހޭ ކަންކަން އެންމެ ބޮޑަށް އެނގޭނީ އެމީހަކަށެވެ." 

މިހެން ބުނުމުން އަމިއްލައަށް އަމިއްލަ ނަފްސާއި ވާހަކަދައްކާނީ ކިހިނަކުން ކަމާއިމެދު ސުވާލު އުފައްދައިފާނެއެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ! ހަމަޖެހިލައިގެން ހުރެ އެކަނި ތަނެއްގައި ވަގުތުކޮޅެއް ހޭދަކުރާށެވެ! އަދި އަމިއްލަ ނަފުސާއިމެދު ވިސްނައި އަމިއްލަ ނަފުސާއި ސުވާލުކުރާށެވެ! 

ތިމާގެ ކިބައި ހުރި ނުރަނގަޅު ކަންކަމަކީ ކޮބައިތޯއެވެ؟ ކުރެވޭ ފާފަތަކަކީ ކޮބައިތޯއެވެ؟ އިޞްލާޙް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯއެވެ؟ އަދި އެކަންކަން އިޞްލާހް ކުރެވޭނީ ކޮން ކަންތައްތަކެއް ކޮން ގޮތަކަށް ކޮށްގެންތޯއެވެ؟ 

ޙަޤީޤަތުގައި ކޮންމެ މުސްލިމަކު ކޮންމެ ދުވަހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސާއި ކުރަން ޖެހޭނެ ސުވާލުތަކެކެވެ. އެހެނީ ކަންކަން އިޞްލާޙް ކުރެވޭނީ އެކަންކަން ތިޞްލާޙްކުރަން ޖެހޭކަން އެމީހަކަށް ޤަބޫލުކުރެވިގެންނެވެ. އެމީހަކު އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ. ވީމާ ކޮންމެ ދުވަހަކުވެސް އެކަނިވެލައި ހަމަހިމޭން މާހައުލެއްގައި މިކަންކަމަށް ވިސްނައި އަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން