އެންމެންވެސް ކިޔާލާ! އިސްލާމް ދީނާ ދުރުވެގެން ހުރި ދަރިފުޅު ތައުބާވެ މަދީނާއަށް ބަދަލުވުމަށް މެދުވެރިވި މަންމަ އާއި ބައްޕަގެ ސިޓީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
އެންމެންވެސް ކިޔާލާ! އިސްލާމް ދީނާ ދުރުވެގެން ހުރި ދަރިފުޅު ތައުބާވެ މަދީނާއަށް ބަދަލުވުމަށް މެދުވެރިވި މަންމަ އާއި ބައްޕަގެ ސިޓީ!

ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު މިއަދު ތިއަހުރީ ބޮޑުވެ އަމިއްލަ ދެފައިމަތީގައެވެ. ބައްޕަގެ އަޑުވެވެސް ނުއިވޭ، ލޮލަށްވެސް ނުފެންނަ ހިސާބު ދުރުގައެވެ. ތަނަވަސްކަމުގައެވެ. ރަނގަޅު ވަޒީފާއެއްގައެވެ.

ބައްޕައަށް ފެންނަ ހަމައިގައި ދަރިފުޅު ހުރިނަމަ މިއަދު ތިއަކުރާ ޙަރާމް ކަންކަމެއް ނުކުރާނެއެވެ. ދަރިފުޅާއެވެ! މުހިންމީ ބައްޕައެއް ނޫނެވެ. އަދި މަންމަ އެއްވެސް ނޫނެވެ. އެންމެ މުހިންމީ ދަރިފުޅަށް ހުރިހާ ކަންކަން މިންވަރު ކުރެއްވެވި ﷲ ތަޢާލާއެވެ. ބައްޕަ ޢާއި މަންމަ އަށް ދަރިފުޅު އުޅޭ ގޮތް ނުފެނުނު ނަމަވެސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ވަކިކަމެއް ނޫނެވެ. ދަރިފުޅު ކުރާ ކޮންމެ ކަމެކެވެ.

ލޯބިވާ ދަރިފުޅާއެވެ! މަރުވުމުން އެ ހިސާބުން އެމީހެއްގެ ހުރިހާ ކަމެއް ނިމިގެންދާނެ ނަމަ ދުނިޔޭގައި ރަނގަޅަށް އުޅެންވީ ކީއްކުރަން ހެއްޔެވެ؟ އެންމެންވެސް އެންމެ ނުބައި ޖައްބާރުންގެ ގޮތުގައި އުޅެންވީ ނޫން ހެއްޔެވެ؟ އިންސާނުން ދުނިޔެއަށް އައީ އަމިއްލައަށް ނަމަ ދުނިޔޭގައި ރަނގަޅަށް އުޅެން ބުނީ ކާކު ހެއްޔެވެ؟ އިންސާނުންނަށް އަމިއްލައަށް ދުނިޔެއަށް އާދެވޭނަމަ މަރުވެފައި އަލުން ދިރެންވީ ނޫން ހެއްޔެވެ؟

ނޫނީ އަލުން ދުނިޔެއަށް އުފަންވެ ތިމާ ކުރިން ދުނިޔޭގައި އުޅުނު ކަމުގެ އެއްވެސް ހެއްކެއް ދައްކަންވީ ނޫން ހެއްޔެވެ؟ އެކަން ކުރެވޭތޯ ވަރަށް ގިނަ ބައަކު ބޮޑެތި ދޮގުތައްވެސް ހަދައިފިއެވެ. އެގޮތަށް ކަންތައް ކުރި ކޮންމެ މީހަކުވެސް ވަނީ ފަޟީޙަތްވެފައެވެ. މީސްތަކުންގެ ކުރިމަތީގައި ބަދުނާމުވެފައެވެ.

ދަރިފުޅާއެވެ! ދަރިފުޅު އެދުނު ފަދައިން ދަރިފުޅު ބައްޕަ އާއި މަންމަ ޢާއިމެދު ކުރި ހުރިހާ ކަމަކަށް ހަމަ ހެޔޮ ހިތުން މާފުކޮށްފީމެވެ! މާފު ހޯދަންވީ ﷲ ތައާލާގެ ޙަޟްރަތުންނެވެ. ޝަރީކުކުރުންމަތީގައި މަރުވެއްޖެ ނަމަ އެ ފުރުޞަތު ގެއްލިގެން ދިއައީ އެވެ. ނަރަކައިގައި ދާއިމަށް އަނދަ އަނދައި އޮންނާނެ ދަރުގަނޑަކަށްވީއެވެ.

ވީމާ މަންމަ ޢާއި ބައްޕަގެ އާދޭހަކީ ދަރިފުޅުގެ އެކުވެރިން ކަމުގައި މިހާރު ތިއަ ގެންގުޅޭ އެންމެން ދޫކޮށްލައި މާލޭގައި އަހަރެމެންގެ ކައިރީގައިވެސް އުޅުނު ފަދައިން މާތް ﷲ އެންގެވި ގޮތުގައި ދުނިޔޭގައި އުޅެން ފެށުމެވެ. ﷲ ތަޢާލާ އީ ފާފަތައް ފުއްސަވައި ދެއްވެވުމުގައި އެއްވެސް އިމެއް ނެތް ދީލަތިވަންތަ އިލާހެއެވެ. އަވަހަށް ތައުބާވާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!

މިގޮތަށް މިކަންކަން ކޮށްދެވެން ނެތް ނަމަ މި މެސެޖް ދަރިފުޅަށް ލިބޭ ހިސާބުން މަންމަ އާއި ބައްޕަ ދަރިފުޅަށްޓަކައި މަރތުވެއްޖެ ކަމަށް ޤަބޫލުކުރާށެވެ! ތިއަ ފޮނުވާ ލާރިކޮޅުވެސް ނުފޮނުވާށެވެ! ދަރިފުޅު މަގުން ކަސިޔާރުވިކަން އެނގުނު ފަހުން ދަރިފުލު ފޮނުވި އެންމެ ލާރިއެއްވެސް އަހަރެމެން ބޭނުމެއް ނުކުރަމެވެ. އަަހރެމެން ދަރިފުޅަށްޓަކައި ޞަދަޤާތް ކުރީއެވެ. ދަރިފުޅަށް ހެޔޮ ވިސްނެވުން އެދި ދުޢާކުރަމުންނެވެ.

އަދިވެސް ބުނަން ހެއްޔެވެ؟ މަރުވި ޚަބަރު ލިބުނު ނަމަވެސް މޫނު ދެކެންވެސް ނާންނާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން މަރުވާނީ އެންމެ ހެޔޮ ގޮޔުގައެވެ. އަހަރެމެންގެ ޖަނާޒާގައި ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި މަޚްލޫޤުން ބައިވެރިވެވަޑައިގަތުމަކީ އަހަރެމެންގެ އެންމެ ބޮޑު ދުޢާއެވެ! ވީމާ އަހަރެމެންގެ މައްޗަށް ކަށުނަމާދު ނުކުރެވޭނެ މީހަކު އަހަރެމެންގެ މޫނު ދެކެން އައިސްގެން ނުވާނެއެވެ! މިކަން އެހެން ދަރިންނަށްވެސް އަނގައިފީމެވެ!

ލަޠީފް އެވެ! އަހަރެން އިސްލާމް ދީނާއި ދުރުވެގެން ހުރެ މީގެ 3 މަސް ކުރިން ވާނީ ޓްވިޓަރގައި ލަޠީފް އާއި ޖަދަލުކޮށްފައެވެ. ނަމަވެސް މިއަދު އަހަރެންނަކީ ލަޠީފް ވެސް ލޯބިވާނެ ދިވެހި ދަރިއެކެވެ. މިމެސެޖް އަޑު އިވުމުން އަހަރެންނަށް ކުރި އަސަރުތައް ބުނެދޭކަށް ނުއެނގެއެވެ. އަހަރެންނަށް ވީ ގޮތް ވެސް ބުނެދޭކަށް ނުއެނގެއެވެ.

ކުރުކޮށްލާފައި ބުނަމެވެ. އަހަރެން ކުރި މަސައްކަތުން މިހާރު އަހަރެންނަށް ވަނީ ސައުދިޢަރަބިޔާގެ ކުންފުންޏަކުން ވަޒީފާ ލިބިފައެވެ. ވަޒީފާ އަދާކުރަމުން މިގެންދަނީ މަދީނާގައެވެ. ވެވުނު ވަރަކުން މަސްޖިދުއްނަބަވީއަށް ދަމެވެ. މަދުވެގެން ހަފްތާއަކު އެއްފަހަރު ސުވަރުގޭގެ ބިންކޮޅުގައި ނަމާދުކުރަމެވެ. އަދި މަޑުވެސް ކޮށްލަމެވެ.

މިވާހަކަ މިއަދުނޫހުގައިވެސް ޝާޢިޢުކޮށް ދެއްވާށެވެ! އެއިރުން މަންމަމެންނާ އެކުވެރިންވެސް ވަރަށް އުފާވާނެއެވެ. އަދި އަހަރެންގެ އުންމީދުވެސް ހާމަކޮށްލާށެވެ! އެއީ މަންމަމެންވެސް މާތްވެގެންވާ މިބިމަށް ބަދަލުކުރުމެވެ!

--މިއަދުނޫހަށް ލިބިފައިވާ ލިޔުމަކުން

މިއަދު އޮންލައިން