ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. އެއްވެސް މީހަކާއިމެދު ދެރަ، ނިކަމެތިކޮށް ނުދެކުމަށެވެ. އެކަމުގެ ސަބަބުކަމަށް އޮތީ އެމީހާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު އެކަކަށްވެސް ނުއެނގޭނެ ކަމެވެ.
ވީމާ ތިމާއަށް ވުރެ ދެރަ ކަމަށް ތިމާއަށް ވިސްނޭ މީހަކު ފެނުނު ކަމުގައިވީ ނަމަވެސް އެއީ ދެރަ، ނިކަމެތި މީހަކު ކަމުގައި ދެކިގެން ނުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާގެ މަތިވެރިކަން އޮތީ އެމީހެއްގެ ތަނަވަސްކަމުގެ މައްޗަކަށް ނޫނެވެ. ބޭރުފުށުން ފެންނަ ސިފަތަކަކަށްވެސް ނޫނެވެ. އެހެންކަމުން އެއްވެސް މީހެއްގެ ބޭރުފުށުން ފެންނަ ގޮތަކީ އެއްވެސް މުހިންމު އެއްޗަކަށް ނުވެއެވެ.
ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ހިތަށެވެ. ހިތުގައިވާ އެއްޗެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ މީހާގެ ތަޤްވާވެރިކަމަށެވެ. އެއްވެސް މީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރު ވެސް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
"އެއްވެސް މީހަކާއިމެދު ނިކަމެތިކޮށް ނުދެކޭށެވެ! އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގަންނަވާ މިންވަރު އެކަކަށްވެސް ނުއެނގޭނެއެވެ!": ޙަދީޘް
"ﷲ ބައްލަވައިވޮޑިގެންވަނީ މީހާގެ ހަށިގަނޑަށާއި މޫނަކަށް ނޫނެވެ. އޭނާގެ ހިތަށެވެ." ޙަދީޘް