މެރީކްރިސްމަސް ކިޔަން ހިތްވަރުދީ ޤުރްއާނުން ހެކި ދައްކަން މަސައްކަތްކޮށް ޤުރްއާން އޮޅުވާލުމަކީ ހާދަ ބިރުހުރި ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
މެރީކްރިސްމަސް ކިޔަން ހިތްވަރުދީ ޤުރްއާނުން ހެކި ދައްކަން މަސައްކަތްކޮށް ޤުރްއާން އޮޅުވާލުމަކީ ހާދަ ބިރުހުރި ކަމެކެވެ!

ސޯޝަލް މީޑިއާއަށް ބަލައިލުމުން މިއަދު ފެނިގެން ދިއައީ ވަރަށް ބޮޑަށް ބިރުގަންނަން ޖެހޭ ކަމެކެވެ. ސޯޝަލް މީޑިއާގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން "މެރީކްރިސްމަސް" ނުކިޔުމަށް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ރައްދު ދީ ވަނީ ނިސާ ސޫރަތުގެ 86 ވަނަ އާޔަތް ހާމަކޮށްފައެވެ.

ތިއަބައިމީހުންނަށް އެއްވެސްކަހަލަ ސަލާމަކުން ސަލާމްކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިއަބައިމީހުން ސަލާމްކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. (އައްނިސާ: 86)

މިއާޔަތުގައި މިވަނީ މެރީ ކްރިސްމަސް ފަަދަ ޝިރުކުގެ އަމަލުތަކުގެ ވާހަކައެއް ނޫނެވެ.

"ކްރިސްމަސް ދުވަހުގެ ތަހުނިޔާ ކިޔުމުން އެ ބުނެވެނީ ﷲ ތަޢާލާއަށް ދަރިކަލަކު ދެއްވީތީ މަރުޙަބާ ކިޔާ ކަމަށެވެ. އެހެނީ ކްރިސްމަސް ފާހަގަކުރަނީ އެމީހުން ޤަބޫލުކުރާ ގޮތުގައި ﷲ ތަޢާލާއަށް ދަރިކަލަކު އުފަންވެވަޑައިގެންނެވި ދުވަސް ފާހަގަ ކުރުމަށެވެ. އެމީހުން ޤަބޫލުކުރަނީ ޢީސާގެފާނަކީ ﷲ ތަޢާލާގެ ދަރިކަލެއްގެ ގޮތުގައެވެ. އަދި ކަލަކު ކަމުގައިވެސް ޤަބޫލުކުރެއެވެ. ނުވަތަ ކުޑަ ކަލާނގެ ކަމަށެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެކަން ވާނީ ޝިރުކުގެ އަމަލަކަށެވެ! ޝިރުކުރު ކުރުމުން މަރުހަބާ ކިޔުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. މުސްލިމުންނަކީ ޝިރުކުރުމުންނާއި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރުމުން މަރުޙަބާ ކިޔުން ހުއްދަ ބައެއް ނޫނެވެ! އަދި އެއީ އެއްވެސް މުސްލިމަކު ކުރާނެ ކަމެއްވެސް ނޫނެވެ."

ޝައިޚް އާދަމް ނިޝާންގެ މިބަސްފުޅަށް ދަލީލު ލިބޭ 2 އާޔަތް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ހާމަކުރައްވައިފައެވެ.

ހަމަކަށަވަރުން، ﷲ އީ، މަރްޔަމްގެފާނުގެ ދަރިކަލުން، އަލްމަސީޙް (ޢީސާ ގެފާނު) ކަމަށް ބުނި މީހުން ކާފިރުވެއްޖެކަން ކަށަވަރެވެ. އަދި އަލްމަސީޙް ވިދާޅުވިއެވެ. އޭ އިސްރާއީލުގެ ދަރިންނޭވެ! އަހުރެންގެ ވެރިރަސްކަލާނގެ، އަދި ތިއަބައިމީހުންގެވެސް ވެރިރަސްކަލާނގެ ކަމުގައިވާ ﷲ އަށް ތިއަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކު ކުޅަ މީހުންނަށް) ނަޞްރު ދޭނޭ އެއްވެސް ބައަކު ނުވެއެވެ.

ހަމަކަށަވަރުން، ﷲ އީ، ތިން އިލާހުން ކުރެ އިލާހެކޭ ބުނި މީހުން ކާފިރު ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ އިލާހް މެނުވީ، އެހެން އިލާހަކު ނުވެއެވެ. އެއުރެން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ކާފިރުވި މީހުންނަށް ވޭންދެނިވި ޢަޛާބް ލިބޭނެކަން ކަށަވަރެވެ. (އަލް މާއިދާ: 72،73)

72 ވަނަ އާޔަތުން އެނގިގެން ދަނީ މެރީ ކްރިސްމަސް ކިޔުމުން ވާނެ ގޮތެވެ! އެމީހުންނަށް އެ ބައިވެރިވެވެނީ "ﷲ އީ، މަރްޔަމްގެފާނުގެ ދަރިކަލުން، އަލްމަސީޙް (ޢީސާ ގެފާނު) ކަމަށް ބުނި މީހުން" ނާއި އެވެ. އެއީ ކާފިރުންނެވެ.

ވީމާ ކީރިތި ޤުރްއާނުގެ ޢިލްމު ފުރިހަމައަށް ނުއެނގޭ މީހުން ޤުރްއާނުގެ އާޔަތްތަކުން އަމިއްލަ އަށް މާނަ ނެރެ ހެދުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ޢާންމުކޮށް މީހުން ބައްދަލުވުމުން ކޮށް އުޅޭ ސަލާމާއި ކާފިރުންގެ ޝިރުކުކުރުމުގެ ޢީދުތަކުގެ ސަލާމާއި އެއްވަރު ތިއަ ކުރަނީ ހަމަ ޤަޞްދުގައި ކަމަށްވާނަމަ މިކުރެވޭ ކަމަކާއިމެދު އިތުރަށް ވިސްނައިލާށެވެ! މުސްލިމުން މަގުފުރައްދަން މަސައްކަތް ނުކުރާށެވެ! ކުރިއަށް އޮތީ އާޚިރަތް ދުވަސްކަމަށް ވިސްނައި ބިރުވެތިވާށެވެ!

މިއަދު އޮންލައިން