ޗުއްޓީގަ ކޮންމެހެންވެސް ސަމާލުކަން ދޭން ޖެހޭ އެންމެ މުހިންމު ކަންތައްތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޗުއްޓީގަ ކޮންމެހެންވެސް ސަމާލުކަން ދޭން ޖެހޭ އެންމެ މުހިންމު ކަންތައްތަކެއް!

މިދުވަސްވަރަކީ މުސްލިމުންވެސް އަދި މުސްލިމުން ނޫން މީހުން ވެސް ޗުއްތީ ހޭދަކުރަމުންދާ ދުވަސްވަރެކެވެ. ގިނަ ޤައުމުތަކުގައި މިދުވަސްވަރަކީ ޗުއްޓީ ދުވަސްތައް ގިނަ މޫސުމަކަށްވާތީއެވެ. އެހެންކަމުން ގިނަ ބައަކު ޗުއްތީ ހޭދަކުރަން ބޭރު ޤައުމުތަކަށްވެސް ދެއެވެ. އަދި އަމިއްލަ ޤަމުގެ ތަންތަނަށްވެސް ދެއެވެ.

ބޭރު ޤައުމުތަކަށްދާ މުސްލިމުން މިދުވަސްވަރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެއް ކަމަކީ އެހެން ދީން ތަކުގެ މީހުން ކުރާ ދީނީ ކަންކަމުގައި ބައިވެރިނުވުމެވެ. މީލާދީ އައު އަހަރު ފާހަގަކުރުމުގައިވެސް ބައިވެރިނުވުމެވެ. މީލާދީ އައު އަހަރަކީ މުސްލިމުންނާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. އަދި ފަހަރެއްގައި އައު އަހަރު ފާހަގަކުރުމުގެ ތެރެއިން ހިންގާ ކަމެއްގައި ބައިވެރިވި ނަމަވެސް ބައިވެރިވާން ވާނީ އިސްލާމް ދީން ހުއްދަ ކުރާ ކަންކަމުގައެވެ.  

އަންހެނުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއްކަމަކީ އަޢުރަ ނިވާކޮށްގެން އުޅުމެވެ. ބޭރު ޤައުމަކަށް ދެވުމަކީ އަޢުރަ ކަޝްފުކުރުން ހުއްދަވާ ކަމެއް ނޫނެވެ. ޚާއްޞަކޮށް މައިން އިތުރަށް ސަމާލުކަން ދޭށެވެ! އެހެނީ ދަރިން ކަންކަން ދަސްކުރާނީ މައިންގެގާތުންނެވެ. ވީމާ މައިންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކަން ޖެހޭނެ ބައެކެވެ.  

ނަމާދުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ދަތުރުގައި އުޅޭއިރު ނަމާދުކުރުމަށް އިސްލާމް ދީނުގައި ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ބޭނުން ހިފާށެވެ! ދަރިން ލައްވައިވެސް ނަމާދުކުރުވާށެވެ! ދަރިން ބޮޑުވެ އެކަނި ދަތުރުކުރަން ފެށުމުން ވެސް އެކަމަށް އާދަވާނީ އެގޮތުގައި ތަރުބިއްޔަތުކުރުމުންނެވެ.  

ކައިބޮއި ހެދުމުގައިވެސް ބޭނުން ކުރެވެނީ ޙަލާލުތަކެތިކަން ކަށަވަރުކުރާށެވެ. ޝައްކުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ!  

އެހެން ދީންތަކުގެ މީހުންނާ ބައްދަލުވުމުން ރިވެތިގޮތުގައި މުޢާމަލާތުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެމީހުންގެ ހިތްތައް މުސްލިމުންގެ ފަރތަށް ލެނބުން ވަނީ އެގޮތުގައެވެ. އެހެން ދީންތަކުގެ މީހުންނާއި އެއްވެސް ވަރަކަށް ޖަދަލު ނުކުރާށެވެ! އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްއިރު ލިބޭނީ ގެއްލުމެވެ. މުސްލިމުންގެ އެންމެ ޚާއްޞަ ސިފައަކީ ރިވެތި އަޚްލާޤްކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެއެވެ.  

މުސްލިމުން ޢަމަލުކުރަންވީ ޢަރަބިން ނުވަތަ ވަކި ބައަކު ދަތުރު ގޮސް އުޅޭ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ސަލާމަތްކަން އޮތީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން