އޭނާ ތިބާގެ ވަގުތުތައް ވަގަށް ނަގާނެއެވެ. ވަޒީފާ ގެއްލުވައިލާނެއެވެ. ނިދިން މަޙްރޫމްކުރުވާނެއެވެ. ސިކުނޑީގެ ހަމަޖެހުން ނަގައިލާނެއެވެ. ހިތުގެ އުފާވެރިކަން ފޭރިގަންނާނެއެވެ. ގައިގައި ހުރި ހުރިހާ ހަކަތައެއް ދަމައިގަންނާނެއެވެ! މުޅި ދިރިއުޅުން ކަންބޮޑުވުމެއްގެ ތެރެއަށް ވައްޓައިލާނެއެވެ!
މިހުރިހާ ވައްކަމެއްވެސް ކުރާނީ ތިބާއަށް ހަމަ އަންގައިވެސް ނުލައެވެ. ރޭކައިވެސް ނުލާހައި ޙީޅަތްތެރިކަމާއިއެކުގައެވެ.
މިބަޔާންކުރި ހުރިހާ ކަމެއް ކުރާ އެ ބޮޑު ވަގުކަލޭގެއަކީ ކާކުކަން އެއްވެސް ވަރަކަށް ވިސްނިއްޖެ ހެއްޔެވެ؟ އޭނާއަށް ކިޔާނީ "ކަންބޮޑުވުމެވެ!"
ވީމާ ހުރިހާ ކަންބޮޑުވުންތަކެއް ދޫކޮށްލައި މިނިވަންވާށެވެ! ކަންބޮޑުވުމުގެ ބަދަލުގައި އަޅުކަމުގައި ހޭދަކުރާ ވަގުތު ގިނަކުރާށެވެ! އެއިރުން އެވަގުކަލޭގެގެ ކިބައިން ﷲ ތަޢާލާ ތިބާ މިންޖު ކުރައްވަވާނެތެވެ! އުފާވެރިކަމާއި ހިތްހަމަޖެހުން ދެއްވަވާނެތެވެ! އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން