އީމާންކަން ހުރިނަމަ އެންމެ ކުޑަމިނުން މިމިންގަނޑުން ﷲ ދެކެ ލޯބިވެވޭކަން ޔަޤީންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އީމާންކަން ހުރިނަމަ އެންމެ ކުޑަމިނުން މިމިންގަނޑުން ﷲ ދެކެ ލޯބިވެވޭކަން ޔަޤީންކުރާށެވެ!

ތިބާ މީހަކު ދެކެ ލޯބިވެއްޖެ ނަމަ ތިބާގެ ބޭނުންތައް ފުރިހަމަ ނުކޮށްވެސް އެމީހެއްގެ ބޭނުންތައް ފުއްދައިދެމުއެވެ. އެމީހަކު ރުހޭނެހައި ކަންކަން ކޮށް ތިބާގެ މައްޗަށް އެމީހެއްގެ ލޯބި އިތުރުކުރަން މަސައްކަތް ކުރަމުއެވެ. މިކަންކަމަކީ ހަމަ އެކަކުވެސް ދެކޮޅު ހަދާނެ ކަންކަމެއް ނޫނެވެ. 

އެހެންކަމަށްވާއިރު ތިބާ ﷲ ތަޢާލާ ދެކެ ލޯބިވާނަމަ، ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭނަމަ ތިބާއަށް ބަންގީގެ އަޑު ނުއިވެނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާއަށް އީމާންވުމަށްފަހު އެމީހެއްގެ ކިބައިން ﷲ ތަޢާލާއަށް ލޯބިވާކަން ދައްކަން ކުރެވޭނެ އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ނަމާދާއި ނުލައި ދެން ކުރާ ކަންކަމުގެ އެއްވެސް ފައިދާއެއް ނެތުމުން މިކަމަށް ދަލީލު ލިބިގެންދެއެވެ. 

މީސްތަކުންނޭވެ! ބަންގި ގޮވުމުން "މިކަން ނިންމާލާފައި" ނަމާދުކުރަން މަޑުކުރާނަމަ އެކަމުން އެނގިގެންދަނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް ލޯބި ނެތްކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްވުރެ އަމިއްލަ ބޭނުންތައް ފުއްދުމަށް އިސްކަން ދެވޭ ކަމެވެ. 

"ތިބާ މީހަކު ދެކެ ލޯބިވެއްޖެ ނަމަ ތިބާގެ ބޭނުންތައް ފުރިހަމަ ނުކޮށްވެސް އެމީހެއްގެ ބޭނުންތައް ފުއްދައިދޭ" ފަދައިން ތިބާ ކުރަން ހުރި މަސައްކަތް ބަހައްޓާފައި ނަމާދު ނުކޮށް ތިމާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމަށް އެދޭ މީހަކު ކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ؟ 

"އެމީހަކު ރުހޭނެހައި ކަންކަން ކޮށް ތިބާގެ މައްޗަށް އެމީހެއްގެ ލޯބި އިތުރުކުރަން މަސައްކަތް ކުރާއިރު" ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ނުކޮށް ތިމާއަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމަށް އެދޭ މީހަކު ކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ؟ 

މިހިރީ ވަރަށް އާދައިގެ މިސާލުތަކެވެ. ކިރިޔާވެސް ވިސްނާލައިފިނަމަ މިކަންކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ހަމައެކަނި ނަމާދެއް ނޫނެވެ. ނަމާދަށް އެންމެ އިސްކަން ދޭށެވެ! އެއިގެ ފަހަތުންވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން ކުރެވެން ހުރި ހުރިހާ ކަންކަމަށް ސަމާލުކަން ދޭށެވެ! އީމާންކަން ފުރިހަމަވާނީ އެއިރުންނެވެ. އިޙްޞާންތެރިކަމަކީވެސް ހަމަ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން