އިވުމާ ފެނުން ދެއްވެވި ފަދައިން އަނބުރައި ގެންދަވައިފާނެ ކަމަށް ބިރު ނުގަންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިވުމާ ފެނުން ދެއްވެވި ފަދައިން އަނބުރައި ގެންދަވައިފާނެ ކަމަށް ބިރު ނުގަންނަނީ ހެއްޔެވެ؟

އަހަރެމެން އެންމެހައި އިންސާނުން ހިމެނޭ ގޮތަށް އެންމެހައި މަޚްލޫޤުން އުފެއްދެވީ ﷲ ތަޢާލާއެވެ. ކަންފަތަށް އަޑުއިވުމާއި ފެނުން ދެއްވެވީވެސް އަދި އެންމެހައި ނިޢްމަތްތައް ދެއްވެވީވެސް ﷲ ތަޢާލާއެވެ. ނަމަވެސް އަހަރެމެންނަށް ޝުކުރުވެރިވެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟ 

ﷲ ތަޢާލާ ދެއްވެވި ރިޒްޤް ކައި ދުޅަހެޔޮކަންމަތީގައި ތިބެގެން ﷲ ތަޢާލާ ދެއްވެވި ދެ ލޮލުން ބަލަނީ ޙަރާމް ކުރެއްވެވި ތަންތަނެވެ. ﷲ ތަޢާލާ ދެއްވެވި ދެކަންފަތުން އަޑު އަހަނީ ޙަރާމް ކުރެއްވެވި އަޑުތަކެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިއަބައިމީހުން އުފައްދަވައި، ތިއަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިއަބައިމީހުން ޝުކުރު ކުރަނީ ވަރަށްވެސް މަދުންނެވެ." (އަލްމުލްކު: 23) 

އަހަރެމެންނަށް ލިބިފައިވާ ކޮންމެ ނިޢްމަތަކީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމުން މިންވަރުކުރައްވަވާފައިވާ ނިޢްމަތްތަކެވެ. އަޑު އިވުމާއި ފެނުން ވެސް މެއެވެ. އެއިން ކޮންމެ ނިޢްމަތަޚީވެސް ނުވަތަ ހުރިހާ ނިޢްމަތްތައް އެކުގައި ނަމަވެސް އަނބުރައި ގެންދެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އެކަން ޤަބޫލު ނުކުރެވެނީ ހެއްޔެވެ؟ 

ޤަބޫލުކުރެވޭ ނަމަ ޝުކުރުވެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ޝުކުރުވެރިވާނަމަ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނުހިފަނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ކުރަން އޮތް ކަމަކީ ނިޢްމަތްތައް ގެއްލިގެން ދިއުމުން ޝަކުވާ ކުރުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާ ދެއްވެވި ކޮންމެ ނިޢްމަތެއްވެސް ބޭނުން ކުރި ގޮތާއިމެދު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ވީމާ ޖަވާބުދެވޭ ޙާލަތުގައި ތިބޭށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން