އަޅުކަން ކުރުމަކީ ކުރަން ބޭނުންވާ މީހާއަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މުހިންމީ ކުރާ އަޅުކަމުން ޤިޔާމަތް ދުވަހު ތިމާއަށްފައިދާކުރާނެ ގޮތުގައި އަޅުކަންކުރުމެވެ. އެހެން މީހުން ދަރަނި އަދާކުރަންޖެހި އެދަރަނިތަކަށް ކަނޑަމުން ގޮސް ހުސްނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމެވެ.
ދެއްކުންތެރި ކޮންމެ އަމަލަކީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ބައެއް މީހުން އަވަސްއަވަސްކޮށް ނަމާދުކުރަމުން ދަނިކޮށް މީހަކު އަންނަކަން އެނގުމުން ލަސްކޮށް ތަފާތު ގޮތްތަކެއް ދައްކައެވެ. މިފަދަ އަމަލުތަކަކީ ޝިރުކުގެ އަމަލުތަކެވެ. ފާފަވެރިވާނެ އަމަލުތަކެވެ.
ބަލިވުމުން ޑޮކްޓަރަށް ދަމުއެވެ. ތިމާއަށް ޖެހިފައިވާ ބަލި ފަސޭހަކޮށްދެވޭނީ ޑޮކްޓަރަށް ކަމަށް ޤަބޫލުކުރުމަކީވެސް ޝިރުކެކެވެ. އެހެނީ ޝިފާ ދެއްވަވަނީ މާތް ﷲ އެވެ. އަޅުގަނޑުމެން ޝިފާއަށް އެދެންވާނީ މާތް ﷲ ގެ ޙަޟްރަތުންނެވެ. މާތް ﷲ ގެ ޙަޟްރަތުން އެދެންވާނީ ބޭނުންވާ ފަރުވާ ދިނުމުގެ ޤާބިލުކަން ޑޮކްޓަރަށް ދެއްވެވުމަށެވެ.
ކުރާ ވިޔަފާރީގައި ފައިދާ ހޯދެނީ ތިމާގެ މޮޅުކަމުން ކަމަށް ނުވަތަ ފައިސާގެ ސަބަބުން ކަމަށް ޤަބޫލުކުރުމަކީވެސް ޝިރުކެކެވެ. ބޮޑެތި ފައިސާވެރިންނަށް ރޭ ނިދި ނުލިބިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ތަނަވަސްކަމަކީ ވެސް ފައިސާވެރިކަމަކީ ވެސް މާތް ﷲ ގެ މިލްކެކެވެ.
ފައިސާވެރިންގެ ތަނަވަސްކަން ދާދިފަސޭހައިން ނެތިގެންދެއެވެ. މާތް ﷲ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި ފައިސާވެރިން ފަޤީރުންނަށް ބަދަލުކުރައްވަވައެވެ. ވީއިރު އަތުގައި ހުރި ފައިސާއަށް ކުރެވެނީ ކީއްހެއްޔެވެ؟
ޝިރުކުގެ އެތައް ބައިވަރު ސިފަތަކެއް އެބަހުއްޓެވެ. ދިންނަވާނޭ މީހަކީ މިފަދަ ޝިރުކުތަކުން ސަލާމަތްވުމަށް ކުރިއާލައި ފިޔވަޅުތައް އަޅާ މީހާއެވެ. ޝައިޠާނާގެ ހެއްލުންތެރި މަކަރުވެރި ވަސްވާސްތަކުން ސަލާމަތް ވާން ފިޔަވަޅުތައް އަޅައިގެން ހުންނަ މީހާއެވެ.
- މުފްތީ މެންކުގެ ދަރުހަކުން