ބައެއް މީހުން ދަހިވެތިވެ އެމީހާގެ ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ކުރަން ފަސްޖެހެއެވެ. އެފަދަ މީހުންނަށް ޤަބޫލުކުރެވެނީ އެއީ އަތުން ބީވެގެންދާ އެއްޗެއް ކަމަށެވެ. އެހެންކަމުން މުށްބާރުކުރެވެނީއެވެ.
ނަމަވެސް އެއީ ވަރަށް ނުބައި ސިފައެކެވެ. ޙަޤީޤަތުގައި އެމީހަކަށް އެ ފަސްޖެހެވެނީ ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ކުރުމަށެވެ. އެއީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އަންނަނިވި ޙަދީޘްފުޅަށް ބަލާށެވެ!
Prophet Mohammad (ﷺ) said,
"If a man spends on his family (with the intention of having a reward from Allah) sincerely for Allah's sake then it is a (kind of) alms-giving in reward for him."
Sahih al-Bukhari 55
މި ޙަދިޘްފުޅުން އެނގިގެންދަނީ އެމީހަކު ބަލަހައްޓަންޖެހޭ ޢާއިލާއަށް ހޭދަކުރާއިރު އެކަމުގެ ސަވާބު ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެންހުރެ އިޚްލާޞްތެރިކަމާއިއެކު އެކަން ކޮށްފި ނަމަ އެމީހެއްގެ އެ ޢަމަލަކީ ﷲ ތަޢާލާގެ މަގުގައި ކުރި ހޭދައަކަށްވެގެންދާނެ ކަމަށާއި އެކަމަށް ﷲ ތަޢާލާ ސަވާބު ދެއްވަވާނެ ކަމެވެ. އަދި އެކަން ވެގެންދާނީ ކުރާ ޞަދަޤާތަކަށް ކަމެވެ.
ވީމާ އަބަދުވެސް ބުނާ ފަދައިން އަނބިދަރިންނަށް ހޭދަކުރި ނަމަވެސް އެއީ މަތިވެރި ޞަދަޤާތެއްގެ ގޮތުގައި ދެކެގެން ހޭދަކުރާށެވެ! އެ ޢަމަލު ޤަބޫލުފުޅު ކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދި އިޚްލާޞްތެރިކަމާއިއެކުގައި ކުރާށެވެ!
ޙަދީޘްފުޅުގައި އެއޮތީ ޢާއިލާއަށް ކުރާ ހޭދައިގެ ވާހަކައެވެ. ވީމާ އެއިގެ ތެރޭގައި މައިންބަފައިންނާއި ޢާއިލާގެ އެންމެންވެސް ހިމެނިގެންދާކަން ވިސްނާށެވެ! އެކަމުގެ ހެޔޮ ނަޞީބު ލިބިގަންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން