ގދ. ގައްދޫ މިސްކިތުގެ އިމާމް މުޙައްމަދު ޖަމީލް (79އ.) ގެ ގެއިން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. މިދިޔަ ހޯމަ ދުވަހު އެމީހާ ދޫކޮށްލާފައިވާއިރު. އެގެއިން ވަގަށް ގެންދިޔަ ފައިސާގެ ތެރެެއިން އެންމެ ރުފިޔާއެއް ވެސް އަދިވެސް ހޯދިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިމާމް ޖަމީލުގެ ގެއިން ވައްކަން ކޮށްފައިވަނީ އޭނާ ފަތިސް ނަމާދަށް ދިޔަ ވަގުތުގައެވެ.
އެވައްކަމުގެ ތުހުމަތުގައި އުމުރުން 42 އަހަރުގެ ފިރިހެނަކު ހަމަ އެދުވަހު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދަށް 10 ދުވަސް ޖެހިއެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަނުވަނީސް މިދިޔަ ހޯމަ ދުވަހު އޭނާ ދޫކޮށްލީ ތަހުގީގު ފުރިހަމަ ކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ގައްދޫ އިމާމް އާއި އޭނާގެ އަންހެނުން އާދިލާ އާދަމް (76އ.) ގެއިން ވަގަށް ނަގާފައިވަނީ 95،000 ރުފިޔާ އާއި 1000 ޑޮލަރު (15،420ރ.) އެވެ. އެފައިސާ ރައްކާކޮށްފައިހުރީ އެދެމަފިރިން ނިދާ ކޮޓަރީގައި ހުރި ފޮށްޓެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި އާދިލާއަކީ އެނދުން ވެސް ނުތެދުވެވޭ ހާލަތެއްގައި އޮތް މީހެކެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި ވައްކަން ކުރިއިރު އާދިލާ އޮތީ ހޭލައެވެ. އަދި ވައްކަން ކުރީ ކާކުކަން ވެސް އޭނާއަށް އެނގުން ކަމަށް އާއިލާއިން ބުނެއެވެ.
ވައްކަން ކުރި ރޭގެ ކުރީ ރޭ، އެގޭގެ ގިފިލީގެ ދޮރަށް ގެއްލުން ދީފައި ހުރުމުން އެކަން ފުލުހުންނަށް އެންގިއެވެ.
ވަގުތީ ގޮތުން އިމާމަކަށް އުޅޭ ޖަމީލަކީ، ކުރިން ވަޑައިމުގެ މަސައްކަތް ވެސް ކުރި މީހެކެވެ.