މީސްތަކުންގެ ރުހުން ހޯދަން ﷲ ގެ މަގު ދޫކޮށްލުމަކީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މީސްތަކުންގެ ރުހުން ހޯދަން ﷲ ގެ މަގު ދޫކޮށްލުމަކީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ!

ވިސްނުންތެރިކަމަށް ބެލެވޭ ބައެއް މީހުން ވެސް މީސްތަކުންގެ ރުހުން ލިބިގަތުމަށްޓަކައި ﷲ ތަޢާލާ އަންގަވާފައިވާ މަގު ދޫކޮށް އެހެން މަގުތައް އެބަ އިޚްތިޔާރު ކުރެއެވެ. ކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަށް އެބަ ކަންކަން ކުރެއެވެ. މިއީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ އަދި އެމީހަކަށް އެންމެ ގެއްލުންހުރި ކަންތަކެވެ. 

ވިސްނަން ޖެހޭނެ ކަމަކީ ދުނިޔޭގެ އެންމެންގެ ރުހުން ހޯދުނުކަމުގައިވީނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބުނު ނަމަ އެމީހަކަށް އޮތީ ނަރަކަ ކަމެވެ. އެމީހަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހަކު ކަމެވެ. ނަރަކައިގެ ގަދަފަދަ ޢަޛާބުގައި އޮންނަން ޖެހޭނެ މީހަކު ކަމެވެ. 

އިބިލީހަށް ބަލާށެވެ! ދުނިޔޭގެ މިހާރުގެ އާބާދީއަށް ބެލިނަމަވެސް 6 މިލިއަން މީހުންގެ ތެރެއިން އެންމެ ގިނަ މީހުންގެ ލީޑަރަކީ އިބިލީހެވެ. އެ އެންމެންގެ ރުހުން އޮތީ އިބިލީހަށެވެ. އެމީހުން އުޅެނީ އިބިލީސް ބުނާ ގޮތަށެވެ. ކުރަނީ އިބިލީސް ބުނާ ކަންކަމެވެ. 

ވިސްނައިލަން ޖެހޭނެ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން  ލިބިގެން މެނުވީ އެއްވެސް މީހަކަށް ސުވަރުގެ ނުލިބޭނެ ކަމެވެ. ވީއިރު މީސްތަކުންގެ ރުހުން ހޯދުމުގެ ބޭނުމުގައި އަހަރެމެން ޢަމަލުކުރަން ﷲ ތަޢާލާ ބަޔާންކޮށްދެއްވަވާފައިވާ މަގު ނޫން މަގެއް ނުވަތަ އެހެން ގޮތެއް އިޚްތިޔާރުކުރަން ހެޔޮވެދާނެ ހެއްޔެވެ؟ 

ﷲ ތަޢާލާ އެންގެވި ގޮތް ނޫން ގޮތެއް އިޚްތިޔާރުކުރުމުން ދުނިޔޭގެ ގިނަ ބައެއްގެ ތާއީދުވެސް ލިބިދާނެއެވެ. ބޮޑެތި މަޤާމްތަކާއި ދަރަޖަ ތައްވެސް ލިބިދާނެއެވެ. ވަރަށް ގިނަ އަދަދެއްގެ ފއިސާ ވެސް ލިބިދާނެއެވެ. މިފަދަ ހުރިހާ ކލަމެއް ލިބުނު ނަމަވެސް އެއިން ކަމަކުން އެމީހަކަށް އެއްވެސް ފައިދާއެއް ކުރާނީ ދުނިޔޭގައި ހުރެވުނު ދުވަހަކު ނޫން ހެއްޔެވެ؟ މަރުވުމުން ލިބެން އޮތީ ގަދަފަދަ ޢަޛާބު ނޫން ހެއްޔެވެ؟ 

ވީމާ ކޮންމެ ފަދަ ބާރަކާއި އިޚްތިޔާރެއް ލިބުނުކަމުގައިވީނަމަވެސް ﷲ ތަޢާލާގެ މަގު ދޫނުކުރާށެވެ! ގަދައަށް ހިފަހައްޓާށެވެ! އިސްލާމް ދީނުގެ ޙުކުމްތަކަށް ބޯލަނބައި އަމަލުކުރާށެވެ! އެންމެ ކުޑަމިނުން ތިމާގެ އަމިއްލަ ޒާތީ ކަންކަމުގައިވެސް މެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން