އިބިލީސް ކަރުނަ އެޅި 4 ޙާލަތެއްވެއެވެ! އެއީ:
1 ﷲ ތަޢާލާ އިބިލީހަށް ލައުނަތް ލެއްވެވުމުން
2 ސުވަރުގެއިން ނެރުއްވަވައި ބޭރުކޮށްލެއްވެވުމުން
3 ރަސޫލް (ޞޢވ) ދުނބިޔެއަށް ފޮނުއްވެވުމުން
4 ސޫރަތުލްފާތިޙާ (އަލްޙަމްދު) ބާވައިލެއްވެވުމުން
-- އިބްން ކަޘީރު
މީސްތަކުންނޭވެ! މިއީ ވަރަށް ފުންކޮށް ވިސްނައިލުން މުހިންމު ކަންކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް އިބިލީސް ނުކިޔަމަންތެރިވެ އާދަމްގެފާނަށް ސަޖިދަ ނުކުރުމުން ﷲ ތަޢާލާ އިބިލީހަށް ލޢްނަތް ލެއްވެވުމުން ކަރުނައެޅި ފަދައިން އިބިލީހުގެ ބަހަށް އިންސާނުން ހެއްލުމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވައިފިނަމަ އެކަމަށް އުފާކޮށް އިބިލީސް ހޭނެއެވެ. އޭނާ އާއިއެކު ނަރަކައަށް ގެންދާނެ މީހަކު ލިބުނީތީއެވެ.
ރަސޫލް (ޞޢވ) ދުނިޔެއަށް އުފަންވެވަޑައިގަތުމުން އިބިލީސް ކަރުނައެޅީ ގިނަ ބައަކު ﷲ ތަޢާލާއަށް އިމާންވެ ޝައިޠާނާގެ މަގުން އެއްކިބާވެ ނަރަކައިން ސަލާމަތްވާނެތީއެވެ. ވީމާ އެއްވެސް މީހަކު ނަރަކައިން ސަލާމަތްވުމަކީ އިބިލީސް ހިތާމަކޮށް ކަރުނަ އަޅާނެ ކަމެކެވެ.
ސޫރަތުލްފާތިޙާ ބާވައިލެއްވެވުމުން ކަރުނަ އެޅީ އެ ސޫރަތުގެ މަތިވެރިކަން ބޮޑުކަމުންނެވެ. އެސޫރަތުގައި ކިޔޭ ދުޢާތަކުގެ ސަބަބުން ގިނަ ބައަކަށް ތެދުމަގހުފެނިގެންދާނެތީއެވެ. އެ ސޫރަތުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ ސިފަފުޅުތަކުގެ ސަބަބުން ގިނަ ބައެއްގެ ހިތްތަކުގައި އީމާންތެރިކަން ވަރުގަދަވެ އިސްލާމް ދީނުގައި ސާބިތުވާނެތީއެވެ. އެ ސޫރަތަކީ ޝިފާއެއް ކަމުގައި ލައްވަވާފައިވުމުން އެ ކަމުގެ ސަބަބުން ވެސް ގިނަ ބައަކު އިސްލާމްވެ ﷲ ތައާލާއަށް އަޅުކަންކުރާނެތީއެވެ.
މީސްތަކުންނޭވެ! އިބިލީސް އެންމެ ދެރަވެ ކަރުނައަޅާނީ އޭނާގެ ބައިވެރިން މަދުވުމުންނެވެ. އެންމެ މީހަކު ނަމަވެސް ސުވަރުގެ ވަނުމަކަށް އިބިލީސް ނުއެދޭނެއެވެ. ހުރިހާ އެންމެން ނަރަކައަށް ވައްދަން މަސައްކަތް ކުރާނެ ކަމަށް އިބިލީސް ވަނީ ވައުދުވެފައެވެ. އަދި އެކަން އެހެން ނުކުރެވޭނެކަމަށާއި ނަރަކައަށް ވެއްދޭނީ އިބިލީހަށް ތަބަޢަވި ބައަކުކަމުގައި ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން