ފާފަކުރެވޭ މީހުން، އިބިލީހަށް ﷲ ވަޙީ ކުރެއްވެވި މި ބަސްފުޅުތަކަށް ވިސްނައި ބިރުވެތިވުން ހުއްޓެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ފާފަކުރެވޭ މީހުން، އިބިލީހަށް ﷲ ވަޙީ ކުރެއްވެވި މި ބަސްފުޅުތަކަށް ވިސްނައި ބިރުވެތިވުން ހުއްޓެވެ!

ދުނިޔޭގެ ނިޞްބަތަށް ބެލި ނަމަވެސް މުސްލިމުންގެ ތެރެއިން ޝަރީކުކޮށް ކާފިރުވަނީ ވަރަށް މަދުބައެކެވެ. އެކަން އެނގިގެންދަނީ އިސްލާމް ދީނުގެ އާބާދީ މުޅި ދުނިޔޭގައިވެސް އިތުރުވަމުންދާ ބާރުމިނުގެ ސަބަބުންނެވެ. 2030 އަންނައިރު ދުނިޔޭގެ އާބާދީގައި ގިނަވާނީ މުސްލިމުންކަން މިހާރުވެސް ވަނީ ޔަޤީންކުރެވިފައެވެ. 

ޝައިޠާނާގެ ބަހަށް ހެއްލެވި ފާފަކުރާ މީހުން ވިސްނައިލަންވީ އަންނަނިވި އާޔަތްތަކަށެވެ. އެމީހުން ނަރަކައަށް ވެއްޓިގަންނަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައިކަން ރަނގަޅަށް އެނގިގެންދާނެއެވެ. އަދި ކިތަންމެ ގިނަ ބައަކު ފާފަކޮށް ނަރަކައަށް ވަންކަމުގައިވީ ނަމަވެސް ނަރަކަ ނުފުރޭނެކަން ވެސް އެނގިގެންދާނެއެވެ. 

"އަދި ހަމަކަށަވަރުން، ޤިޔާމަތް ދުވަހަށް ދާންދެން ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ ލަޢްނަތް ހުށްޓެވެ." (ޞޯދު: 78) 

ﷲ ތަޢާލާ މިފަދައިން ވަޙީ ޚުރެއްވެވުމުން އިބިލީސް ދެންނެވިއެވެ. 

"އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި މަޙްޝަރަށް) ފޮނުއްވާނޭ ދުވަހަށްދާނދެން ތިމަން އަޅާއަށް މުހުލަތު ދެއްވާނދޭވެ! (ޞޮދު: 79) 

އިބިލީސް އެދުނުފަދައިން އޭނާއަށް ﷲ ތަޢާލާ މުހުލަތު ދެއްވެވިއެވެ. 

"އެކަލާނގެ ވަޙީ ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ މުހުލަތު  ދެއްވަވާފައިވާ މީހުންގެ ތެރެއިންނެވެ. ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ." (ޞޯދު: 80، 81) 

އެހިނދު އިބިލީސް ދެންނެވިއެވެ. 

"އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ ޢިއްޒަތް ތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންކުރެ، އިބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ އަޅުން މެނުވީއެވެ." (ޞޯދު: 82،83) 

އިބިލީހަށް ހެއްލި އިބިލީހުގެ މަގު އިޚްތިޔާރުކުރާ މީހުންނަށް ހުރި ޖަޒާ ﷲ ތަޢާލާ ވަނީ ވަގުތުން ވަޙީ ކުރައްވަވައިފައެވެ. 

"އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ފަހެ، ތިމަންރަސްކަލާނގެއީ، ޙައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ ވަޙީ ކުރައްވަވަނީ ޙައްޤު ތެދެވެ. ހަމަކަށަވަރުން، ކަލޭގެއާއި އަދި އެއުރެންގެ ތެރެއިން ކަލޭގެއަށް (އިބިލީހަށް) ތަބަޢަވީ ބައަކާއި އެ އެންމެން އަޅުއްވައި ނަރަކަ ފުރުއްވާހުށީމެވެ." (ޞޯދު: 84،85) 

މީސްތަކުންނޭވެ! ނިކަން މިދެ އާޔަތަށްވެސް ވިސްނައިލަބަލާށެވެ! 

"ޢާލަމް ތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ. ހިނދުކޮޅެއްގެފަހުން އޭގެ ޚަބަރު (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުށްޓެވެ." (ޞޯދު: 87،88) 

މީގެ މާނައަކީ ކީރިތި ޤުރްއާނުގެ ތެދުކަން މިއަދުން މިއަދަށް ސާބިތުކުރެވޭނެ އިތުޔރު ހެކިތަކެއް ދެއްކެވުމެއް ނޫނެވެ. އެކަމުގެ ކހެކިތައް ކޮންމެ ދުވަހަކުވެސް މިދަނީ ފެންނަމުންނެވެ. އެހެންކަމުން މިއާޔަތުގައި ވަޙީކުރައްވަވާފައި އެވަނީ މަރުވުމުން އެކަމުގެ ހެކިތައް އެމީހަކާއި ބައްދަލުކުރާނެ ވާހަކައެވެ. 

ކީރިތި ޤުރްއާނުގެ ތެދުކަން އެންމެ ބޮޑަށް އެނގިގެންދަނީ ކީރިތި ޤުރްއާނުންނެވެ. އެހެނީ ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއް ނަމަވެސް މިއަދާއި ހަމައަށްވެސް ދޮގުކުރެވިފައި ނުވުމުންނެވެ. އެއީ ހަމަ އެކަކަށްވެސް އެއްވެސް ޒަމާނެއްގައި ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެަންކުރަން މަސައްކަތް ކުރާ ވަރަކަށް ސާބިތުވަމުން ދަނީ އަދި ސާބިތުވަމުން ދާނީވެސް ކީރިތި ޤުރްއާނުގެ ތެދުކަމެވެ. 1400 އަަހރުވީއިރުވެސް އެކަން ހިނގަމުން އެއަންނަނީ އެގޮތުގައި ކަމަށްވުމުން އެއީ އެއްވެސް މީހަކު ޝައްކުކުރަން އެއްވެސް ޖާގައެއް އޮތް ކަމެއް ނޫނެވެ. 

ވީމާ މިއަދު ކޮންމެ މުސްލިމަކު ވެސް ވިސްނައި ފިކުރުކުރަންވީ މިކަންކަމަށެވެ. ޢަމަލުތައް އިޞްލާޙްކުރާށެވެ! ކީރިތި ޤުރްއާނަށް ޢަމަލުކުރާ މީހަކަށްވާށެވެ! ނަޞީބާއި ނަޞްރު ލިބުން އޮތީ އެ ގޮތުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން