މިރެއަކީ މީލާދީ އައު އަހަރު ފެށޭ ރެއި ކަމުގައި ވުމުން ކޮންމެވެސް އައު ކަމެއް ކުރަން ބޭނުންވެގެން ބައަކު އުޅޭ ކަމުގެ ވާހަކަތައް އެބަ އަޑު އިވެއެވެ. އެފަދަ މީހުންނަށް ދޭން އޮތް ނަޞޭޙަތަކީ މިރެއިން ފެށިގެން ޤަވާއިދުން ފަތިސް ނަމާދުކުރާ މީހަކަށް ވާށެވެ!
މިރެއިން ފެށިގެން ކަމަށް މިބުނީ މިރެއަކީ އެކަމަށް ޚާއްޞަ ރެއެއް ކަމުގައި ވާތީއެއް ނޫނެވެ. ރެއި އެކަން ނުފަށައި އޮތުމުންނެވެ! މުސްލިމުންނަށް އޮތީ އަބަދުވެސް ތައުބާވެ، ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުންމަތީގައި ދެމިތިބުމެވެ.
މުސްލިމުންގެ ތެރެއިން އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ފަތިސްނަމާދުކުރުމަށެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ފަތިސްނަމާދުކުރުމަށެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމުގެ ސަވާބު އެހައި ބޮޑުއިރުވެސް މެއެވެ. ފަތިސް ނަމާދުކުރުމަކީ އެމީހާ އެދުވަހު ﷲ ތަޢާލާގެ ހިމާޔަތުގައި ލަހައްޓަވާނެ ކަމަކަށްވާއިރުގައިވެސް މެއެވެ.
އަދި ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެ ރަކްޢަތުގެ މުހިންމުކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަށް ވުރެވެސް ބޮޑުއިރުގައިވެސް މެއެވެ.
ވީމާ ފަތިސް ނަމާދުން ދުވަސް ފެށުން އަވަސްކުރާށެވެ! ކޮންމެ ނަމާދަކީވެސް އެހައިމެ މުހިންމު ނަމާދެއް ނަމަވެސް ފަތިސް ނަމާދަކީ ފަތިސް ނަމާދުގެ އިހުސުންނަތުގެ ސަވާބާއި މަތިވެރިކަން ހިމަނައި އަދި ފަތިސް ނަމާދުން ދުވަސް ފެށުމުން ދެއްވަވާ ނިޢްމަތްތަކަށް ބެލުމުން ފަތިސް ނަމާދުގެ މަތިވެރިކަން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާ ނަމާދެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން