މިކަންކަން އެނގޭނަމަ ތިމާއަށް މުޞީބާތެއް ކުރިމަތި ކުރެއްވެވުމުން "މި މުޞީބާތް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ؟" ސުވާލެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
މިކަންކަން އެނގޭނަމަ ތިމާއަށް މުޞީބާތެއް ކުރިމަތި ކުރެއްވެވުމުން "މި މުޞީބާތް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ؟" ސުވާލެއް ނުކުރާނެ!

ތަކްލީފްތައް ކުރިމަތިވެވުމުން ތިމާއަށް މި މުޞީބާތް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ ބައެއް މީހުން ސުވާލުކުރެއެވެ. 

އެފަދަ މީހުން ވިސްނައިލާށެވެ! 

1 ނޫޙުގެފާނު، މީސްތަކުން ތަބަޢަ ނުވުމާއި ފެންބޮޑުވެ ޣަރަޤުކުރެއްވެވުމުން އިމްތިޙާން ކުރެއްވެވިއެވެ.

2 އިބްރާހީމްގެފާނު އަލިފާން ގަނޑަށް އެއްލަވައިލެއްވެވުމުން އިމްތިޙާން ކުރެއްވެވިއެވެ.

3 ޔައްޤޫބްގެފާނުގެ ދެލޯފުޅުގެ ފެނުން ގެންދަވައި އިމްތިޙާން ކުރެއްވެވިއެވެ.

4 ޔޫސުފްގެފާނު، ބައްޕާފުޅާއި ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތުމާއި ވަޅެއްގައި ގިނިކަންޏާ އޮންނަވަން ޖެހިވަޑައިގަތުމުންނާއި ޖަލުގައި ގިނަ އަހަރަތަކެއް ހޭދަކުރައްވަވަން ޖެހިވަޑައިގަތުމުން އިމްތިޙާން ކުރެއްވެވިއެވެ.

5 އައްޔޫބްގެފާނަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން އިމްތިޙާން ކުރެއްވެވިއެވެ.

6 ޔޫނުސްގެފާނު މަހެއްގެ ބަނޑުގައި އެތައް އަހަރަކު އޮންނަވަން ޖެހިވަޑައިގެން ކެތްތެރިކަމުން އިމްތިޙާން ކުރެއްވެވިއެވެ.

7 ސުލައިމާނުގެފާނަށް ބޮޑު ރަސްކަމެއް ދެއްވަވައި އިމްތިހާން ކުރެއްވެވިއެވެ.

8 ދާވޫދުގެފާނަށް ހަނގުރާމަތައް ކުރިމަތިކުރައްވަވައި އިމްތިޙާން ކުރެއްވެވިއެވެ.

9 މޫސާގެފާނަށް ފިރުއަޢުނުގެ ނުބައި ނުލަފާކަމާއި އަނިޔާވެރިކަން ކުރިމަތިކުރައްވަވައި އިމްތިޙާން ކުރެއްވެވިއެވެ.

10 ރަސޫލް (ޞޢވ) އަށް ކުރިމަތިވެވަޑައި ނުގަންނަވަނީ މިވަނި މުޞީބާތެއް ކަމަށް ބުނެވެން ނެތްހައި ގިނަ މުޞީބާތްތައް ކުރިމަތިކުރައްވަވައި އިމްތިޙާން ކުރެއްވެވިއެވެ. 

މިބޭބޭކަލުންގެ ސިޔަރަތު ނިކަން ކިޔައިލަބަލާށެވެ! އެއްވެސް ބޭކަލަކު ތިމާއަށް މި މުޞީބާތް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ ސުވާލު ކުރައްވަވާފައެއް ނުވެއެވެ. ކޮންމެ ބޭކަލަކުވެސް ކެތްތެރިވެވަޑައިގަތީއެވެ. 

"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (ބަޤަރާ: 45) 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (ބަޤަރާ: 153) 

އަހަރެމެން އެންމެން ވެސް ވިސްނައި އަމަލުކުރަންވީ މިފަދަ އާޔަތްތަކަށެވެ. މުސްލިމުންނަށް އޮތީ ކެތްތެރިވުމެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ވީމާ ތަކްލީފްތައް ކުރިމަތިވެވުމުން ތިމާއަށް މި މުޞީބާތް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ  ސުވާލުކުރުމެއް ނެތެވެ! އޮތީ ކުރިމަތި ކުރެއްވެވި އިމްތިޙާނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން