މިސްކިތްތައް ފަޅުފިލުވައި މިސްކިތްތައް ބެލެހެއްޓުމުގެ މަތިވެރިކަން ކީރިތި ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިސްކިތްތައް ފަޅުފިލުވައި މިސްކިތްތައް ބެލެހެއްޓުމުގެ މަތިވެރިކަން ކީރިތި ޤުރްއާނުން

މިސްކިތްތަކަކީ ބިންމަތީގައި ހުރި އެންމެ މާތް ބިނާތަކެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރެވޭ ގެކޮޅުތަކެވެ. ވީމާ މިސްކިތްތައް ފަޅުފިލުވައި، މިސްކިތްތައް ބެލެހެއްޓުމުގެ މަތިވެރިކަން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވާފައިވާ ގޮތް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. 

އެއިރުން މިސްކިތަށް ނަމާދަށް ދިއުމާއި މިސްކިތުގައި ވަގުތު ހޭދަކުރުމާއި މިސްކިތްތައް ބެލެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. 

"ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބައެކެވެ." (އައްތައުބާ: 18) 

މިސްކިތްތައް ފަޅުފިލުވުމަކީ ގިނަގިނައިން މިސްކިތްތަކަށް ދިއުމެވެ. މިސްކިތްތަކުގައި ގިނަ ވަގުތު ހޭދަކުރުމެވެ. ވީމާ މިއާޔަތުން އެނގިގެން މިދަނީ އެކަން ކުރާނީ ކޮން ބައެއް ކަމެވެ. އެއީ " ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ." 

ހަމަ އެއާއިއެކު ލިބިގެންދާ އުފާވެރި ޚަބަރަކީ "އެއުރެން (މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާ މީހުން) ނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބައަކު" ކަމެވެ. ވީމާ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ މިއާޔަތުގައި ބަޔާން ކުރައްވަވާފައިވާ މީހަކު ކަމުގައިވުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން