ފިތުނަތަކުން ސަލާމަތްވުމަށާއި ރިޒްޤަށް އެދޭނަމަ ދަމުނަމާދަށް ރައްކާތެރިވާންޖެހެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފިތުނަތަކުން ސަލާމަތްވުމަށާއި ރިޒްޤަށް އެދޭނަމަ ދަމުނަމާދަށް ރައްކާތެރިވާންޖެހެއެވެ!

"ސުބްހާނަﷲ އެވެ! މިރޭ ކިހައި ފިތުނައެއް ބާވައިލެވިއްޖެ ހެއްޔެވެ؟ މިރޭ ކިހައި ޚަޒާނާއެއް ބާވައިލެވިއްޖެ ހެއްޔެވެ؟ ކޮޓަރިތަކުގައި (ނިދާފައި)ވާ ކަނބަލުން ހޭލައްވާނީ ކާކުހެއްޔެވެ؟ (އެބަހީ ރޭއަޅުކަންކުރުމަށްޓަކައެވެ.) ފަހަރެއްގައި ދުނިޔޭގައި ހެދުންލައިގެން އުޅޭ އަންހެނަކު، އާޚިރަތް ދުވަހު އޮރިޔާން ޙާލުގައިވެދާނެއެވެ." (ޞަޙީޙް ބުޚާރީ: 1126) 

ރަސޫލް (ޞޢވ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުން ދަމުނާދަށް ހޭފުޅުލެއްވެވިއެވެ. އެބޭފުޅުންގެ ގަނޑުވަރުކޮޅުތަކަށް ވަޑައިގެން ދޮރުކޮޅުގައި ޓަކި ޖެއްސެވިއެވެ. އަދި ދަމުނަމާދު މީސްތަކުންގެ މައްޗަށް ފަރުޟު ކުރައްވަވައިފާނެ ކަމުގެ ބިރުފުޅަށް ބައެއް ރޭރޭ ދަމުނަމާދަށް މިސްކިތްކޮޅަށް ވަޑައިނުގެން ދޫކޮށްލެއްވެވިއެވެ. 

މީސްތަކުންނޭވެ! ދަމުނަމާދަކީ މިހައި މުހިންމު ނަމާދެކެވެ. މި ބަޔާންކުރި ޙަދީޘްފުޅުން އެނގިގެންދަނީ ފިތުނަތަކުން ސަލާމަތްވުމަށާއި ﷲ ބާވައިލައްވަވާ ޚަޒާނާތަކުން ލިބިގަތުމަށްޓަކައި ދަމުނަމާދު ކުރުމުގެ މުހިންމުކަމެވެ. ވީމާ ފިތުނަތަކުން ސަލާމަތްވުމަށާއި އަތްމަތި ތަނަވަސްވުމަށް އެދޭ މީހާ ދަމުނަމާދުކުރުމަށް ފަރުވާތެރިވާހުށިކަމެވެ. 

އަދިވެސް ވިސްނައިލާށެވެ! ރަސޫލް (ޞޢވ) އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވަންދެން ދަމުނަމާދު ދިގުކުރެއްވެވިއެވެ. ސަބަބެއް ކަމަށް ޙަދީޘްފުޅުކުރެއްވެވީ "ތިމަން ކަލޭގެފާނު ޝުކުރުވެރިވާ އަޅެއް ކަމުގައި ނުވާންވީ ހެއްޔެވެ؟" 

ވީމާ އެނގިގެން މިދަނީ ދަމުނަމާދަކީ ޝުކުރުވެރިވުމުގެ ގޮތުންވެސް ކުރަން އޮތް ނަމާދެއް ކަމެވެ. ވީއިރު ދަމުނަމާދުގެ އެންމެ 2 ރަކްޢަތް ނަމަވެސް ނުކުރާ މީހާއަކީ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވާ އަޅެއްކަމުގައި ވެވިދާނެހެއްޔެވެ؟ އަމިއްލަ ނަފްސް ލައްވައި ޖަވާބު ލިބިގަންނާށެވެ!  

ދަމުނަމާދުގެ ސޖިދައިގައި ރަސޫލް (ޞޢވ) ހޭދަކުރެއްވެވި ވަގުތު ބަޔާންކޮށްދެއްވަވަމުން ޢައިޝަތުގެފާނު ވިދާޅުވެފައިވަނީ އެއީ ޞަޙާބީން ކީރިތި ޤުރްއާނުގެ 50 އާޔަތް ވިދާޅުވާހައި ވަގުތުކަމަށެވެ. (ޞަޙީޙް ބުޚާރީ: 1123) އަހަރެމެންނަށް ހޭދަކުރެވޭ ވަގުތާއިމެދު ވިސްނާލައި ތަންކޮޅެއް ގިނަ ވަގުތު ހޭދަކޮށްލުން ކީއްހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން