
މި ޙަދީޘްފުޅުން އެނގިގެން ދަނީ މީސްތަކުންނަށް ކާން ދިނުމުގެ މަތިވެރިކަމެވެ. ޚާއްޞަކޮށް ހައިހޫނުކަމުގައި ތިބޭ ނިކަމެތި، ފަޤީރުންނަށް ކާން ދިނުމުގެ މަތިވެރިކަމެވެ. ހަމަ އެޢާއިއެކު ބައްދަލުވާ މީހުންނާއި، އެމީހަކީ ތިމާ ދަންނަ މީހަކު ނަމަވެސް އަދި ނުދަންނަ މީހަކު ނަމަވެސް އެމީހަކަށް ސަލާމް ގޮވުމުގެ މަތިވެރިކަމެވެ.
އެއްވެސް ޝައްކެއްނެތި މި ޙަދީޘްފުޅުން އެނގިގެން މިދަނީ މި 2 ކަންތަކަކީ ވެސް އިސްލާމް ދީނުގެ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ހިމެނިގެންދާ 2 ކަންތައް ކަމެވެ.
ފަޤީރުންވެސް އެމީހަކަށް ލިބޭ މިންވަރަކުން ކާންދޭށެވެ! އަވަށްޓެރިޔާއަށް ރިހަފޮދުވެސް ދިއްކޮށްލާށެވެ! ޙަދީޘްފުޅުގައި އޮތީ ނަރަކައިން ސަލާމަތްވުމަށްޓަކައި ކަދުރުއޮށެއްގެ ފަޅިއަކުން ނަމަވެސް ޞަދަޤާތް ކުރުމަށެވެ.
ސަލާމް ގޮވުމުގެ އިތުރުން ހިނިތުންވުމަކީވެސް އަތުން އެއްވެސް ޚަރަދެއް ނުކޮށް ކުރެވޭ ޞަދަޤާތެކެވެ. ވީމާ ދަންނަ އަދި ނުދަންނަ މީހުންނަށް ސަލާމްގޮވާއިރު ހިނުތުންވެގެން ހުރުރުމުން ސަލާމް ގޮވުމާއި ޞަދަޤާތްކުރުމުގެ ދަރުމަވެސް ލިބިގެންދާނެއެވެ.
މިހައި ފަސޭހައިން ސަވާބު ހޯދައި ނަރަކައިން ސަލާމަތްވެ ސުވަރުގެ ޙާޞިލުކުރެވޭނެ މަގުތައް ﷲ ތަޢާލާ ވަނީ ފަހިކޮށް ދެއްވަވައިފައެވެ. ބަލައިގަނެ އަމަލުކޮށް ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ މީހާ ކުރަން ހުރި ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން