"އަންހެނަކު، އޭނާގެ ފިރިމީހާއަކީ ދުނިޔޭގައި ﷲ ލެއްވި އެންމެ ބޮޑު ޠާޣޫތުގެ އަނބިމީހާ ކަމުގައި ވީ ޙާލުވެސް، އޭނާގެ ދީނަށް ރައްކާތެރިވެ، ދީނަށްޓަކައި ބޮޑެތި އިމްތިޙާނުތައް ތަޙައްމަލުކުރިއެވެ.
އެހެންކަމުން ތިބާގެ ދީން ވެއްޔާ މޮޑެ، ދީނުގެ މަގުން ކަސިޔާރުވުމުގެ ސަބަބެއް ކަމުގައި ތިބާގެ ފިރިމީހާ، އަނބިމީހާ، މަންމަ، ބައްޕަ، ދަރީން، ބޭބެއިން، ދައްތައިން، ކޮއްކޮއިން، ގާތްތިމާގެ މީހުން އަދި މުޖުތަމަޢު ނުހަދާށެވެ."
"އަދި ފިރްޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އިމާންވީ މީހުންނަށް ﷲ މިސާލެއް ޖެއްސެވިއެވެ."
ނަޞޭޙަތުގެ މި ބަސްފުޅާއިއެކު ޝައިޚް މުޙައްމަދު ޝާފިޢު ބަޔާން ކުރައްވަވާފައިވަނީ އައްތަޙްރީމް ސޫރަތުގެ 11 ވަނަ އާޔަތެވެ.
"އަދި ފިރުއަޢުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށް އިބަރަސްކަލާނގެ ޙަޟްރަގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުއަޢުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!" (އައްތަޙްރީމް: 11)
ޝައިޚް ޝާފިޢުގެ މިބަސްފުޅުން އެނގިގެންދަނީ އިސްލާމް ދީންމަތީގައި ސާބިތުވެ ހުރުމަށް އެއްވެސް މީހަކު ހުރަސްއަޅާނަމަ އެ މުޞީބާތަށް ރުހިގެން ހުރުމެއް ނެތްކަމާއި އެކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރަން ޖެހޭނެ ކަމެވެ. އެ މުޞީބާތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރަން ޖެހޭނެ ކަމެވެ.