ތައުބާވެވިއްޖެކަން މިގޮތުން ކަށަވަރުކުރާށެވެ! ކަށަވަރުކުރެވެންދެން ތައުބާވުމުގައި ހީވާގިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތައުބާވެވިއްޖެކަން މިގޮތުން ކަށަވަރުކުރާށެވެ! ކަށަވަރުކުރެވެންދެން ތައުބާވުމުގައި ހީވާގިވާށެވެ!

"އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ. އަދި ނަފްސާއި، އެ ނަފްސް ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވެވިއެވެ. އެ ނަފްސް ޠޯހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ." (އައްޝަމްސް: 6،7،8.9) 

މިއާޔަތްތަކުން އެނގިގެން މިދަނީ ނުބައި ގޮތާއި ރަނގަޅު ގޮތް ވިސްނުމުގެ ކުޅަދާނަކަން ﷲ ތަޢާލާ މީސްތަކުންނަށް ދެއްވެވިކަމެވެ. ޙަޤީޤީ ކާމިޔާބުވެރިންނަކީ ފައިދާ ހުރި ގޮތް އެނގުމުން ފުރުޞަތުގެ ބޭނުންހިފައި އެމީހާގެ އަމިއްލަ ނަފްސް ޠޯހިރުކުރާ މީހުން ކަމެވެ. 

ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކުރަން އެންމެ އުނދަގޫ ޖިހާދަކީ އެމީހެއްގެ އަމިއްލަ ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ޖިހާދެވެ. އެހެނީ އެމީހެއްގެ ކިބައިގައި ހުންނަ އުނި ކަންކަން އިޞްލާޙުކުރުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ. އެކަމަށް މަސައްކަތްކުރާއިރަށް ލޭގެތެރޭގައި ދައުރުކުރަމުންދާ ޝައިޠާނާ، ގުނަވަންތަކަށް ވަސްވާސްދީގެން ފާފަތައް ކުރުންމަތީގައި ދެމިހުރުމަށް ވަސްވާސްދެމުން ގެންދާނެތީއެވެ.  

މީހަކު އިޞްލާޙްވާން ކުރާ މަސައްކަތުގެ ނަތީޖާ ބަލައިލެވޭނެ ގޮތެއްވެސް ބުނެފާނެއެވެ. އޭނާއަށް އޭނާގެ ކުށް ޤަބޫލުކުރެވި ތައުބާވެ އިޞްލާޙް ވެވިއްޖެ ނަމަ ފަރުޟުތަކަށާއި އިތުރު އަޅުކަން ކުރަން ޝައުޤުވެރިވާނެއެވެ. ދީނީ ޢިލްމުވެރިންނާއި ގުޅުން ބަދަހިކުރާނެއެވެ. ދަރުސްތައް އަޑުއަހަން ޝައުޤުވެރިވާނެއެވެ. 

ނަމަވެސް ކުރިން ބުނިފަދައިން އޭނާގެ މައްޗަށް ޝައިޠާނާ ގަދަވެގެންފައިވާނަމަ އޭނާ ދެމިހުންނާނީ ފާފަކުރުމުގައެވެ. އުޅޭނީ ނުބައި ނުލަފާ ޢަމަލުތައް ކުރާ މީހުންނާއިއެކުގައެވެ. އެފަދަ މީހުންނާއިއެކު އުޅެވޭނަމަ އެކަމުން އަންގައިދެނީ އޭނާއަށް އަދިވެސް ތައުބާ ނުވެވޭކަމެވެ! ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭ ކަމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން