ތައުބާވެ ސުވަރުގެ އެދޭ މީހާ ދުރުހެލިވާން ޖެހޭ ޝައިޠާނުންތަކެއް ވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ތައުބާވެ ސުވަރުގެ އެދޭ މީހާ ދުރުހެލިވާން ޖެހޭ ޝައިޠާނުންތަކެއް ވެއެވެ!

އިސްލާމް ދީން އުފެދިގެން އައި ގޮތަށް ބަލާށެވެ! ރަސޫލް (ޞޢވ) ފިޔަވައި ހުރިހާ ޞަޙާބީންނަކީވެސް ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތައް ކުރެއްވެވި ބޭކަލުންނެވެ. ޝިރުކުރެއްވެވި ބޭކަލުންނެވެ. ނަމަވެސް އިސްލާމްވެވަޑައިގަތުމަށްފަހު އެބޭކަލުން ވަނީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވެވުމުގައި ނަމޫނާ ދައްކަވައިފައެވެ. ޖާނާއި މުދަލާއި ޢާއިލާއިން ޤުރްބާންވެވަޑައިގެންފައެވެ. 

މުސްލިމުންނަށް ވެސް ކަންކަން އޮތީ ހަމަ މިފަދައަކުންނެވެ. މުސްލިމުންނަށް ވެސް ފާފަކުރެވޭނެއެވެ. އެއީ އިންސާނާގެ ހަށިގަނޑާއި ޠަބީޢަތުގައި އެކަންހުރުމުންނެވެ. އިންސާނާއަށް ފާފަކުރެވޭނެކަން، އިންސާނާ އުފައްދަވައި އިންސާނާގެ ޠަބީޢަތުގައި އެކަން ލެއްވެވި ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. 

ބަޤަރާ ސޫރަތުގެ 222 ވަނަ ޢާޔަތަށް ބަލާށެވެ!

"...ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (ބަޤަރާ: 222) 

ވީމާ ގަދައަޅައި މަސައްކަތް ކުރަންވީ މި އާޔަތުގައިވާ ފަދައިން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުމަށެވެ. އެކަމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ތައުބާވުމެވެ. އެހެނީ ތައުބާ ނުވާ މީހާ ކުރާ ހެޔޮ އަމަލުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޭކާރު އަމަލުތަކެއްކަން އެނގެން އޮތުމުންނެވެ.  

އަވަހަށް ތައުބާވާށެވެ! ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށާށެވެ! އިސްލާމް ދީނަށް ނަޞްރު ދޭން ފަށާށެވެ. އެއިރުން އިސްލާމް ދީނުގެ ޢަދާވާތްތެރިން ވަރަށް ގިނަ ފުރައްސާރަތައްވެސް ކުރާނެތެވެ. ތިބާއަކީ މިވެނި ފާފައެއް ކުރި މީހަކު ކަމުގައިވެސް ބުނާނެއެވެ! އެފަދަ މީހުންނާއިމެދު ކަންބޮޑުނުވާށެވެ! އެހެނީ އެމީހުންނަކީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނެވެ. އިސްލާމް ދީނަށް ނަޞްރު ދިނުމަށް މީހުން މަސައްކަތްކުރާތަން ދެކެން އެމީހުންނަށް ކެތެއް ނުކުރެވޭނެއެވެ. 

އެފަދަ މީހުން ގާތު އަހައިލާށެވެ! "ސައިފުލްއިސްލާމް" ޚާލިދު ބުނި ވަލީދު އިސްލާމްވެވަޑައިގަތުމުގެ ކުރިން ކިތައް މުސްލިމުން ޝަހީދުކުރެއްވެވި ހެއްޔެވެ؟ މިއުންމަތުގެ ޚަލީފާއިންގެ ސިޔަރަތު ކިޔައިލިންތޯ ވެސް ސުވާލުކުރާށެވެ!

މީހަކަށް ކުރިން އުޅެވުނު ގޮތް ދޫކޮށްލައި ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުން ފުރައްސާރަކުރާ އެއްވެސް މީހަކާއި އެކުވެރިކަން ނުބާއްވާށެވެ! އަދި ކުރިން ކުރެވުނު ކަންކަން ބަހަނާއަކަށް ދައްކައި ހަދާނަމަ އެފަދަ މީހުންނާއި ވާހަކަވެސް ނުދައްކާށެވެ! އެހެނީ އެފަދަ މީހުންގެ ސަބަބުން ނަފްސާނީ ހުރަސްތައް ކުރިމަތިވެދާނެކަމަށްޓަކައެވެ. ކުރިން ކުރެވުނު ނުބައި އަމަލުތައް ކުރަން އަލުން ފެށިދާނެ ކަމަށްޓަކައެވެ. އެފަދަ ބަސްތައް ބުނާ ކޮންމެ މީހަކީ އެންމެ ބޮޑެތި ދުޝްމިނުންނެވެ. އެމީހުންނަކީ ތިބާ ނަރަކައަށް ވައްދުވަން މަސައްކަތްކުރާ ޝައިޠޯނުންނެވެ. ވީމާ އެފަދަ ޝައިޠޯނުންނާއި ގުޅުންތައް ކަނޑައިލައިގެން ނޫނީ ޞިރާޠުގެ މަގުގެ އައްސޭރިވެސް ނުފެނިދާނެ ކަމަށް ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން