ހުކުރު ނަޞޭޙަތް: ކޮންމެ ހުކުރު ދުވަހަކު ވެސް އެއް މިނެއްގައި އަޅުކަން ކުރުން ހިފަހައްޓާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހުކުރު ނަޞޭޙަތް: ކޮންމެ ހުކުރު ދުވަހަކު ވެސް އެއް މިނެއްގައި އަޅުކަން ކުރުން ހިފަހައްޓާށެވެ!

އަޅުކަމުގެ ތެރެއިން ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ މުހިންމީ ދާއިމީ ގޮތެއްގައި ކުރެވޭ އަޅުކަމެވެ. ވީމާ ހުކުރު ދުވަހު ކުރާ އަޅުކަން ވެސް އެއް މިންވަރެއްގައި ހިފަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ!

މީގެ މާނައަކީ އަޅުކަން ކުރުން އިތުރު ނުކުރުމެއް ނޫނެވެ. އިތުރުކުރަންވީއެވެ. ނަމަވެސް ސަމާލުކަން ދޭންވީ ޢާންމުކޮށް ކުރާ މިންވަރަށް ކޮންމެ ދުވަހަކުވެސް ކުރުމަށެވެ. އަމިއްލަ ސަބަބުތައް ކުރިއަށް ނެރެ ކުރާ އަޅުކަން މަދުކުރުމަށެވެ.

މިސާލަކަށް ބުނާނަމަ ކަހްފި ސޫރަތް ކިޔެވުމެވެ. ރަސޫލް (ޞޢވ)އަށް ޞަލަވާތް ކިޔެވުން ގިނަކުރުމެވެ. ޞަލަވާތް ކިޔެވުން ގިނަކުރުން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކިތަންމެ ކުރު ޞަލަވާތެއް ނަމަވެސް 1000 ފަހަރު ކިޔެވުމެވެ.

ނަމަވެސް އެމީހަކަށް ކިޔެވުނު މިންވަރަކަށް ކިޔެވުމުންވެސް ފުދޭނެއެވެ. ހޯދަން މިއުޅެނީ ޘަވާބެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. ވީމާ އެކަމަށް އެމީހަކު މަސައްކަތްކުރާނެ މިންވަރު އެނގޭނީ އެމީހަކަށެވެ. އެކަން ކަނޑައެޅުމުގެ އިޚްތިޔާރު ކޮނމެ މީހަކަށްވެސް ވަނީ ދެއްވަވައިފައެވެ.

އަނބިދަރިންނަށާއި ޢާއިލާއަށް އެހީތެރިވުމަކީވެސް ހަމަ އަޅުކަމެވެ. ބައެއް ހުކުރު ދުވަހު މޫޑް ހުންނަ ގޮތުން ކަމަށް ހަދައި އެކަންކަން ދޫކޮށްނުލާށެވެ! އެއް މިންވަރެއްގައި ކުރަން އާދަކުރާށެވެ!

މީގެ ތެރޭގައި ހުކުރަށް ދާ ވަގުތުވެސް ހިމަނާށެވެ! އެންމެ ފައިދާ ބޮޑީ ވީހައި ކުރިން ހުކުރަށް ދިއުމެވެ! ވީމާ އެކަންވެސް އެއް އުޞޫލަކުން ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން