ބައެއް މީހުން ކައިވެނި ކުރުމަށްފަހުގައިވެސް ބައިވެރިޔާއަށް އިހްމާލްވެ އަނިޔާވެރިވެއެވެ. ބައިވެރިޔާ އާއިމެދު ފަރުވާ ކުޑަކުރެއެވެ. ސަބަބެއް ކަމަށް ހަދަނީ އެހެން މީހަކަށް ތިމާގެ ހިތް ދެވިފައި އޮތުމެވެ. އެހެން މީހަކު ދެކެ ލޯބިވެވިފައި އޮތުމެވެ.
މިއީ ވަރަށް ނުބައި ސިފައެކެވެ. ތިމާ އެހެން މީހަކު ލޯބިވެފައިވީނަމަވެސް އެމީހަކު ތިމާއަށް ނުލިބުމުގައި ތިމާއަށް ލިބުނު ބައިވެރިޔާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ތިމާއަށް ލިބުނު ބައިވެރިޔާގެ މަޢްޞޫމްކަން ކުޑަވާންވީ ކީއްވެގެން ހެއްޔެވެ؟
ތިމާއަށް އެހެން މީހަކު ދެކެ ލޯބިވެވިފައިވާ ވަރުން ތިމާ ކައިވެނިކުރާ މީހާއަށް ދޭން ޖެހޭ އަޅައިލުމާއި އިޙްތިރާމާއި ލޯބި ނުދެވޭނެ ނަމަ ކައިވެނި ނުކުރާށެވެ! ކައިވެނިކުރުމަށްފަހު އުފާވެރި ޙަޔާތެއް ކުރިއަށް ނުގެންދެވޭ ނަމަ އެކަން ވާނީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. އެއްވެސް މީހަކަށް އަނިޔާވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
އަނހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ކައިވެނިކުރަންވާނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. އެއްވެސް ފަރާތެއްގެ މަޖުބޫރުން ކައިވެނިކުރުމެއް ނެތެވެ. ކައިވެނިކުރަން މައިން ބަފައިން ދައްކާ މީހާއަކީ ތިމާ ނުރުހޭ މީހެއް ނަމަ ކައިވެންޏަށް ދެކޮޅު ހެދުމުގެ ޙައްޤު ކޮންމެ އަންހެނަކަށްވެސް ލިބިގެންވެއެވެ.
ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގެންނެވި ޖުލައިބީބްގެ ކައިވެންޏަށް އެދިވަޑައިގެން ރަސޫލް (ޞޢވ) މައިންބަފައިންނަށް ހުށަހެޅުއްވެވުމުން އެ 2 މީހުން އެކަމަސް އިންކާރު ކުރިއެވެ. ނަމަވެސް ދެމަފިރިންގެ ދަރިފުޅު ކައިވެނިކުރައްވަން ބޭނުންފުޅުވުމުން ކައިވެނި ކުރެވުނެވެ. މައިންބަފައިން އެކަވެނި ކޮށްދިނެވެ.
މިކަމުންވެސް އެނގިގެންދަނީ ހެޔޮލަފާ، ތަޤްވާވެރި ފިރިހެނަކާއި ކައިވެނިކުރަން އަންހެނަކު ބޭނުންވެއްޖެ ނަމަ އެކަމަށް ހުރަސްއެޅުމުގެ ޙައްޤު މައިންބަފައިންނަށް ނެތް ކަމެވެ.
"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)
މިއާޔަތަށް ބެލި ނަމަވެސް ކައިވެނިކުރަންވާނީ ލޯތްބާއި އޯގާތެރިކަން ދިނުމަށާއި ލޯތްބާއި އޯގާތެރިކަމަށްޓަކައި ކަމުގައި އެނގިގެންދެއެވެ. ވީމާ ލޯތްބާއި އޯގާތެރިކަން ނުދެވޭނެ ނަމަ ކައިވެނި ނުކުރާށެވެ!
އެއްވެސް ޙާލެއްގައި ކައިވެންޏަކީ ހަމައެކަނި ޖިންސީ ގުޅުން ހިންގުމުގެ ބޭނުމުގައި ކުރާ ކަމަކަށް ނުހަދާށެވެ! ކައިވެނީގެ ދަރަޖަ މާމަތިވެރިއެވެ. ކައިވެނި ވާންޖެހޭނީ އިޖުތިމާޢީ ޒިންމާއަކަށެވެ.! ދެމަފިރިން އެކުގައި ސުވަރުގެ ވަނުމަށް ފަށާ މަސައްކަތުގެ ބިންގަލަކަށެވެ. އެއިރުން އެ ކައިނެންޏެއްގައި ބަރަކާތް އިތުރުވެ ރަޙްމަތް އޮހެމުންދާނެއެވެ! އިންޝާ ﷲ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން