"އެއްފަހަރަކު އައްޑޫ ބޯޓަކުން މާލެ އައިމެވެ. މާލެ އައުމުން ބޯޓަށް އަރައި އެންމެންގެ ލޭ ނެގިއެވެ. އެއީ މެލޭރިޔާ ހުރިތޯ ބެލުމަށެވެ. އަޅުގަނޑުގެ ލެޔެއް ނުނަގައެވެ. ނަމަވެސް އެއިގެ ހަފްތާއެއްހައި ދުވަސް ފަހުން އެއް ރޭ މީހަކު އައިސް ބުންޏެވެ.
މިއައީ ލޭނަގާށެވެ. އެއިރު ލޭ ނުނެގީ މާލޭ މީހެއް ކަމަށް ހީކޮށެވެ. ނަމަވެސް މާލޭ މީހެއް ނޫންކަން އެނގުމުން މިއައީ ލޭ ނަގާށެވެ!
އަޅުގަނޑު ބުނީމެވެ. މާލޭ މީހުންގެ ގައިގައި މެލޭރިޔާ މަދިރި ނުހަފަނީ ހެއްޔެވެ؟ ކޮންމެއަކަސް އަޅުގަނޑު ލޭ ދިނީމެވެ. އަޅުގަނޑަކީ މާލޭ މީހަކަށް ވުމަށް ނިންމީ އެ ހިސާބުންނެވެ."
މިއީ ދައުލަތުގެ އެންމެ އިސް މަޤާމުތައް ފުރުއްވާފައިވާ ޢިއްޒަތްތެރި ބޭފުޅަކު މިއަދު ދެއްވި މައުލޫމާތެކެވެ. އެބޭފުޅާގެ ބޭފުޅުން މިއަދު ތިއްބެވީ ރައްޔިތުންގެ އިޙްތިރާމާއި ލޯބި އަދި ސަރުކާރުގެ އިތުބާރު ހޯއްދަވައިގެން ދައުލަތުގެ އެންމެ އިސް މަޤާމުތަކުގައެވެ.
ކޮންމެއަކަސް މާލެއިން ޙަވާލުވާނެ މީހަކު ނެތި ބިދޭސީންނަށް މާލެ އާދެވުނު ނަމަވެސް ރާއްޖެތެރޭ މީހުންނަށް ނާދެވުނު ޒަމާން ނިމުނުތާ 30 އަހަރު އިއްޔެ މިވަނީ 1 ޖަނަވަރީގައި ފުރިފައެވެ.
ކުޑަ ސިޓީ އާއި ނުލައި މާލެ ފައިބަން ނާދެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ވަޒީރުނެގެ މަޖިލީހުން ނިންމީ 24 ޑިސެމްބަރު 1989 ގައެވެ. ޢަމަލުކުރަން ފެށީ 1 ޖަނަވަރީ 1990 ގައެވެ.
ދާދި ފަހަކާއި ޖެހެންދެން މާލެ އަންނަ ނަމަ "ޓަނު" ކިޔާއެއްޗެއް ގެންނަން ޖެހެއެވެ. އެއީ މާލެ އައި އޮޑިއާއި ބެހޭ ހުރިހާ މައުލޫމާތެއް ހިމެނޭ ލިޔުމެކެވެ. މާލެ އާދެވުމާއިއެކު އެ ލިޔުން ކަސްޓަމަށް ދައްކަން ޖެހެއެވެ.
މިއީ ފުރާނަ ފަދައިން ރައްކާތެރިކޮށްގެން ގެންގުޅެން ޖެހޭ ލިޔުމެކެވެ. އެހެންކަމުން އެޒަމާނުގައި ރައްކައުތެރި ގޮތުގައި އެ ލިޔުން ބެލެހެއްޓުމަށްޓަކައި ޢާންމުކޮށް ގެންގުޅުނީ އޮނުބަދަ ފަދަ އެއްޗަކަށް ލައި ދެކޮޅު ބައްދައިގެންނެވެ.