މި ފޮޓޯ ފެނުމުން އޭނާއަށް ނިޞްބަތްކޮށް ވަރަށް ހަޑިހުތުރު ބަސްތައް ބުނަމުން އެބަގެންދެއެވެ. އެކަންކުރަމުން ގެންދަނީ ހާމަކުރަން ބޭނުން ވަރަކަށް ހާމަކުރުމަކީ އެމީހާގެ މިނިވަންކަން ކަމަށާއި އެއީ އެމީހާގެ ޙައްޤެއް ކަމަށް ބުނާ މީހުންނެވެ.
ސުވާލަކީ ހާމަކުރަން ބޭނުންވާ މީހާއަށް އެއީ އޭނާގެ މިނިވަންކަމާއި އޭނާގެ ޙައްޤަކަށްވީ ގޮތަށް ނިވާ ކުރުމަކީ ވެސް އެމީހާގެ ޙައްޤަކަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟
ލޮބުވެތި ކަނބަލުންނޭވެ! ކުރާ ފުރައްސާރައަށް ނުބަލާށެވެ! ނުވެސް ވިސްނާށެވެ! އެކަން ކުރާ މީހުންނަށް އަހަރެމެންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ! ހުރިހާ ނިޢްމަތްތަކެއްވެސް މިންވަރުކޮށް ދެއްވަވާނީ ހަމަ ﷲ ތަޢާލާއެވެ! އަަބދުވެސް ތިބެންވީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުން އެމީހަކަށް އެކަމުގެ ފައިދާ ދެ ދުނިޔޭގައިވެސް ކުރާނެކަން ޔަޤީންކޮށްގެންނެވެ!
"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ." (އަލް އަޙްޒާބް: 59)
"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! ----" (އަންނޫރު: 31)
ތިއަ ލޮބުވެތި ކަނބަލުންނަށް އޮތް ޙުކުމްފުޅު މި 2 އާޔަތުގައި މިވަނީއެވެ! ބައަކު ކުރާ ފުރައްސާރައަށް ބެލުމެއް ނެތެވެ! އޮތީ ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށް އުންމީދުކުރުމެވެ!
- އަޙްމަދު ޢަބްދުއްރަޙްމާން (މިއަދުނޫހުގެ ކިޔުންތެރިއެއް)