ނަމާދު ފަސްކުރާއިރު، ފަހުން ނަގަންދާ މީހުންނަށް މުސާރަ ލިބޭނީ މަދުން ކަމަށް ބުނެފިނަމަ އަވަހަށް ނަގަން ނުދާނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ނަމާދު ފަސްކުރާއިރު، ފަހުން ނަގަންދާ މީހުންނަށް މުސާރަ ލިބޭނީ މަދުން ކަމަށް ބުނެފިނަމަ އަވަހަށް ނަގަން ނުދާނީ ކާކު؟

މުސާރަ ހަމައަށް ލިބޭނީ ފުރަތަމަ ނަގަންދާ ބައަކަށް ކަމަށާއި ފަސްކުރި ވަރަކަށް މުސާރަ ލިބޭނީ މަދުން ކަމަށް ބުނެފިނަމަ މުސާރަ ނަގަން އަވަސްވެ ނުގަންނާނީ ކާކު ހެއްޔެވެ؟ ކުރަން ހުރި ހުރިހާ ކަމެއް ބަހައްޓާފައި މުސާރަ ނަގަން އަވަސްވެ ނުގަންނާނެ މީހަކު ހުންނާނެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ބަންގިއަށްފަހު ޖަމާއަތުގައި ކުރެވޭ ފުރަތަމަ ނަމާދުގައި ބައިވެރިވުމުން ލިބޭ ދަރުމަ 27 ގުނައެވެ. އެވަރުގެ މަތިވެރިކަމެއް ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟ 

ބަނގި ގޮވުމުން ވަގުތުން އިޖާބަ ދިނުމުން އެނގިގެންދަނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބީގެ ބޮޑުކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރަން ބޭނުންވާ މިންވަރުގެ ބޮޑުކަމެވެ. އެހެން ހުރިހާ ކަމަކަށްވުރެ ﷲ ތަޢާލާއަށް އިޖާބް ދިނުމަށް އެމީހާ އިސްކަންދޭ ކަމެވެ.  

މަޤްބޫލު ސަބަބެއް ނެތި ނަމާދު ފަސް ނުކުރާށެވެ! ދެ ނަމާދު އެއްކުރަން ނުހަދާށެވެ! އެއިރުން ފުރަތަމަ ނަމާދުގެ ސަވާބު އެދަނީ އިންތިހާއަށް "ހިމަވެގެން"ނެވެ. ހިމަ ނުކުރާށެވެ! ވީހައި ފަލަކުރާށެވެ! 

އޮފީހުގެ ވެރި މީހާ ނުވަތަ ސިޔާސީ މީހަކު ނުވަތަ މަހުޖަނަކު ދައުވަތުދީފި ނަމަ ވީހައި ކުރިން ގޮސް އޭނާގެ ރުހުން ހޯދަން އެބަ މަސައްކަތްކުރަމުއެވެ. ކުރިން ގޮސް އެމީހަކާއި ވާހަކަ ދައްކައިލާނެ ވަގުތުކޮޅެއްވެސް އެބަ ހޯދަމުއެވެ! 

ވީއިރު ބަންގި ގޮވުމުން ނަމާދަށް އަވަސްވެ ނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ އިރުކޮޅެއް ކުރިން ގޮސް ޛިކުރުކޮށް ދުޢާކޮށްލަން މަޑުކޮށްނުލަންވީ ކީއްވެގެން ހެއްޔެވެ؟ ފަލާޙް ލިބިގަތުމަށް އަންނަން މިސްކިތުން ގޮވާލާ ގޮވާލުމަކީ އެންމެ މަތިވެރިކަން ބޮޑުވެގެންވާ ﷲ ތަޢާލާ ދެއްވަވާ ދައުވަތެއްކަމުގައި ޤަބޫލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ވަގުތުން އަތްމައްޗަށް ފައިސާތަކެއް ނުއަރާތީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިކަންކަމަކީ ހަމަ އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. ހިތާމައަކީ ފަރުވާ ކުޑަކުރެވޭ ކަމެވެ! ނަމާދަށް ފަރުވާ ކުޑަ ނުކުރާށެވެ! އާޚިރަތް ދުވަހު ދިންނެވުން ލިބެން އޮތީ ނަމާދަށް ފަރުވާތެރިވި ވަރަކުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން