މިއަހަރުގެ ބޮޑު ޗުއްޓީ ނިމުމަކަށް އަންނަނީއެވެ. ސްކޫލްތައް ހުޅުވެން ދާދި ގާތްވީއެވެ. ޗުއްޓީގައި ފޯރުންތެރިންނާއި ޙާލަތު މަޖުބޫރުކުރުވި މީހުން ރާއްޖެއިން ބޭރަށް ދިއައެވެ. މާލޭގައި ދިރިއުޅޭ ގިނަ ބައަކު ރާއްޖެތެރެއަށްވެސް ދިއައެވެ. ރިޒޯޓުތަކަށްވެސް ދިއައެވެ.
ތިމާމެންނާއި ތިމާމެންގެ ދަރިން އަވީގެ ހޫނުން ސަލާމަތްކުރުމަށްޓަކައި ފާޑުފާޑުގެ ލޯޝަންތައް އުނގުޅީމުއެވެ. އެހެން ކަންކަން ވެސް ކުރީމުއެވެ. ސުވާލަކީ ތިމާ ވެސް އަދި ދަރިން ވެސް ނަރަކައިން ސަލާމަތްކުރީމު ހެއްޔެވެ؟ އެކުދިން ލައްވައި ނަމާދުކުރުވުން ފަދަ ކަންކަން ކުރުވިން ހެއްޔެވެ؟ ދަރިން ގެންގުޅުނީ އަޢުރަ ނިވާކޮށްގެން ހެއްޔެވެ؟ ތިބާ ވެސް މިކަންކަން ކުރީމު ހެއްޔެވެ؟
ތިމާ އާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަދި އެކަން ގުޅިފައިވަނީ ހަމައެކަނި ޗުއްޓީ ދުވަސްތަކަކާއިވެސް ނޫނެވެ. ޙަޔާތުގެ ހުރިހާ ދުވަސްތަކާއިއެވެ! ވީމާ އެކަމުގައި އިހްމާލު ވެވޭ މީހުން މި އާޔަތަށް ވިސްނައި ބިރުވެތިވާށެވެ!
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)
މަޢުލޫމާތު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް