މިދިޔަ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު، އެސްބީއައި ކައިރިން ބިދޭސީއަކު ރަހީނުކޮށް ފޭރުނު ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކީ ދޮގު މައުލޫމާތެއްގެ މައްޗަށް ހުށަހެޅުނު މައްސަލައެއް ކަމަށާއި އެބިދޭސީ މީހާގެ އަތުން އެއްވެސް މީހަކު ފައިސާތަކެއް ފޭރިގެންފައި ނުވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އަމިއްލަ ކުންފުންޏެއްގެ މުވައްޒިފަކު އެސްބީއައި އިން، ދެ ކުންފުންޏެއްގެ ޗެކްތަކަކަށް ފައިސާ ނަގައިގެން ދަނިކޮށް ބިދޭސީއަކު ރަހީނުކޮށް، ފައިސާތަކެއް ފޭރުނު ކަމަށް ބުނެ ހުށަހެޅުނު މައްސަލައިގައި އެމީހާ ދޮގު މައުލޫމާތު ދީފައިވާކަން ކަށަވަރު ކުރެވުނު ކަމަށެވެ.
އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް، އެމީހާ ދިރިއުޅޭ ތަން ބަލައިފާސް ކުރުމުން އޭނާ ދިރިއުޅޭ ތަނުން 8000 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މިމައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 127000 ރުފިޔާއެވެ.
މިމައްސަލައިގައި އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، ޑޮލަރުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭނާގެ އަތުން ފޭރުނި ނޫން ކަމަށާއި އޭނާ އެފައިސާ ނަގައިގެން ގެންގޮސް ފޮރުވާ ފައިސާ ޑޮލަރަށް މާރުކޮށް ބާކީ ފައިސާ ބޭނުން ކުރި ކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.
މިމައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.