ފިލައި ހުރެ އާ ފައުޅުގަ ދޮގުހެކި ވިއްކާ މީހުންގެ ދޫ ކަސްތޮޅު އަޅުއްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ފިލައި ހުރެ އާ ފައުޅުގަ ދޮގުހެކި ވިއްކާ މީހުންގެ ދޫ ކަސްތޮޅު އަޅުއްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ!

ފިލައި ތިބެ އާއި ފައުޅުގައިވެސް ދޮގު ހެކި ވިއްކާ މީހުން މިދަނީ ގިނަވަމުންނެވެ. ފައިސާ ކޮޅެއް ދިނުމުން ނުވަތަ މަޤާމެއް ދިނުމުން ނުވަތަ މަޤާމެއްގެ ދަހިވެތިކަމުގައި ދޮގުހެކި ދިނުމާއި ހެކި ބަސް ނުދީ ސިއްރުކުރުމާއި ޙަޤީޤަތް އޮޅުވައިލުން ފަދަ ބޮޑެތި ފާފަތައް ކުރަން ޖެހިލުންވަނީ ވަރަށް މަދު މީހެކެވެ. 

ހެކިބަސް ދިނުމަކީ ﷲ ތަޢަލާއަށްޓަކައި ކުރަންޖެހޭ ކަމެއްކަން އެމީހުންނަށް ނުއެނގުނު ނަމަވެސް އަދި އެނގިތިބެމެ ޤަބޫލުނުކޮށް ބިރުވެތި ނުވި ނަމަވެސް އެއީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ޢަދުލު އިންޞާފު ޤާއިމު ކުރުމުގައި ދެމިތިބޭ ބައަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބައަކު ކަމުގައި ތިއަބައިމީހުންވާށެވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ، އަޢުލާކަން ބޮޑެވެ. ތިއަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިއަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިއަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ  ވޮޑިގެންވެއެވެ." )އައްނިސާ: 135) 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ޢަދުލު އިންޞާފު ޤާއިމު ކުރުމުގައި ދެމިތިބޭ ބައަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބައަކު ކަމުގައި ތިއަބައިމީހުންވާށެވެ!" މި ތަނުގައި ޢަދުލު އިންބާފު ޤާއިމުކުރުމުގެ މާނައަކީ ހމައެކަނި ޙުކުމްކުރުމެއް ނޫނެވެ! ތެދުވެރިކަމާއިއެކު ހެކިބަސް ދިނުމަކީ ވެސް ޢަދުލު އިންޞާފު ޤާއިމުކުރުމެވެ. ފަނޑިޔާރަށް އިންޞާފުވެރި ޙުކުމެއް އިއްވޭނީ ވެސް ހެކި ބަސް ދިނުމުގައި އެކަން ކުރާ މީހުން ތެދުވެރިވެގެންނެވެ. ވީމާ ތެދުވެރިކަމާއިއެކު ހެކިބަސް ދިނުމަކީ އަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ މުހިންމު އެއް އަސާސްއެވެ. 

"ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ، އަޢުލާކަން ބޮޑެވެ." އޮތުމުން ތެދުވެރިކަމާއިއެކު ހެކިބަސް ދިނުމުގެ މުހިންމުކަން އިތުރަށް އެނގިގެން ދެއެވެ. 

މީސްތަކުންނޭވެ! ދެން މިއޮތީ ދޮގުހެކިދޭ މީހުންނަށް އޮތް ވަރުގަދަ އިންޒާރުގެ ވާހަކައެވެ. " ތިއަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިއަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިއަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ  ވޮޑިގެންވެއެވެ." ވީމާ ދޮގުހެކިދޭ ވަގުތު އެމީހާއަށް ކޯފާއެއް ނުލެއްވެވުމަކުން އެއީ އެކަމުން އެމީހަކަށް ސަލާމަތްވެވުނުކަމުގެ ހެތްކެއް ނޫނެވެ. އެކަން އެމީހަކާއި އަރައި ހަމަކުރާނެއެވެ. އެކަން ކުރިމަތިކުރައްވަވާނީ ކޮން ސިފައެއްގައިކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! އަހަރެމެންނަށް އޮތީ ބިރުވެތިވެ ރައްކައުތެރިވުމެވެ! 

އެމީހާގެ ދުލުގައި ކަސްތޮޅު އެޅުއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެނޫން މުޞީބާތްތައް ކުރިމަތި ކުރެއްވެވުމަށްވެސް ކުޅަދުންވަންތައެވެ. ދުނިޔޭގައި އެއްވެސް މުޞީބާތެއް ކުރިމަތި ނުކުރައްވަވައި އާޚިރަތް ދުވަހު އެމީހާ ހިއްޕެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީވެސް ހަމަ ﷲ ތަޢާލާއެވެ! ޔަޤީން ކަމަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވި މީހާ އެކަމަށް ކުރިމަތިލާން ޖެހޭނެ ކަމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން