ދެބަސްވުމާއި ޒުވާބުކުރުން މިހާރު މިވަނީ ދުވަހަކުވެސް ގިނަ ނުވާހައި މިންވަރަށް އިތުރުވެފައެވެ. އެއީ ވެސް ހަމަ ފަހުޒމާނުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ!
ޒުވާބުކުރުން މިހައި ގިނަވި މައިގަނޑު ސަބަބަކީ ސޯޝަލް މީޑިއާއެވެ. ސަބަބަކީ ކޮންމެ މީހަކަށް ކޮންމެ މީހަކަށް ރައްދު ދީ ޒުވާބުކުރުމުގެ ފުރުޞަތު ސޯޝަލް މީޑިއާގައި އޮތުމެވެ. ފޭކް އައިޑީތަކުގައި މީހުންގެ ލޭ ކެކިގެންދާ ފަދަ ބަސްތައް ބުނުމުގެ ފުރުޞަތު އޮތުމެވެ.
މިފަދަ ހޫނު ޒުވާބުތައް އެންމެ ގިނައިން ހިނގަނީ ދުވަހަކު ވެސް ބައްދަލު ނުވާ އެކަކު އަނެކަކަށް ނުވެސް ދަންނަ މީހުންގެ މެދުގައެވެ. އަދި އެއްވެސް ކަމެއް ނުއެނގޭ، ނަމަވެސް ހުރިހާ ކަންކަން އެނގޭ ކަމަށް ހެދިގެން އުޅޭ ރޯނު އެދުރުންގެ މެދުގައެވެ.
ކޮންމެ ކަމަކަށް ފާޑުކިޔައި އެންމެންނާއި ބެހި ހެދުމުގެ ފުރުޞަތު އޮތް ނަމަވެސް އެކަން ނުކުރާށެވެ! ކޮންމެހެން މީހަކަށް ރައްދެއް ދޭން ބޭނުންވެއްޖެ ނަމަ ރައްދު ދިންނަމަވެސް އިތުރަށް ޒުވާބުނުކުރާށެވެ!
ނަމަވެސް އިސްލާމް ދީނުގެ ކަންކަމުގައި ޙަޤީޤަތާއި ޚިލާފް މައުލޫމާތު ފަތުރާނަމަ އެކަމުން މުސްލިމް މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. ޙަޤީޤަތް ހާމަކުރަން ޖެހޭނެއެވެ. އެއީ ހުރިހާ މުސްލިމުންގެ މައްޗަށް ވެސް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. ވީމާ އެވާޖިބު އަދާކުރަމުން ގެންދާށެވެ!
ނުބައި ބަސްތައް ބުނާނަމަ ދުލުން ބުނުމާއި ލިޔެ ސޯޝަލް މީޑިއާގައި ހާމަކުރުމުން ވެސް އެކުރެވެނީ ހަމަ އެއް ކަމެކެވެ. ވީމާ ކިތަންމެ ޚިޔާލުތަފާތުވި ނަމަވެސް ބުނާ ބަސްތަކަށް ރައްކައުތެރިވާށެވެ! އިސްލާމް ދީނަށް ނަޞްރު ދެވޭނީ އެއިރުންނެވެ. އަދި ތިމާ ފާފަވެރިވުމުން ސަލާމަތްވާނީ ވެސް އެއިރުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން