އެކުގަ ވަގުތު ހޭދަކުރަން އެންމެ ރަނގަޅު މީހުން- ޢުމަރުގެފާނުގެ ބަސްފުޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެކުގަ ވަގުތު ހޭދަކުރަން އެންމެ ރަނގަޅު މީހުން- ޢުމަރުގެފާނުގެ ބަސްފުޅުން!

ވަގުތު ހޭދަކުރަން އެންމެ ރަނގަޅީ އެންމެ ތަޤްވާވެރި، ހެޔޮލަފާ މީހުންނާއިއެކުގައެވެ. އެފަދަ މީހުން ދެނެގަތުމުގައި ދަތިތަކެއް ހުރެއެވެ. އަދި ވަގުތުތައް ހޭދަކުރަންވީ ކޮން ބައަކާއިއެކުގައި ކަމާއިމެދުވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. އެހެންކަމުން މިކަމުގައި މުސްލިމުންގެ 2 ވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅަށް ބަލައިލަމާ ހެއްޔެވެ؟ 

"ފާފަކުރެވުމުން ތައުބާވެގެން ތިބި މީހުން ތިބި މީހުންނާއިއެކު ގިނަ ވަގުތު ހޭދަކުރާށެވެ! އެންމެ ހިތް މަޑު، ޠޯހިރު، ކިޔަމަންތެރި މީހުންނަކީ އެއީއެވެ." މިއީ ޢުމަރުގެފާނުގެ ބަސްފުޅެވެ. 

ޢުމަރުގެފާނު މިފަދައިން ވިދާޅުވެފައިމިވަނީ "...  ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.---." އޮންނަ ވަޙީ ބަސްފުޅުގެ މައްޗަށް ކަމުގައި ވެދާނެއެވެ. 

ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާ ސަބަބަކީ އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ބިރުވެތިކަމެވެ. ފާފައެއް ކުރެވުނު ނަމަވެސް އެކަމަށް ބިރުވެތިވެ ތައުބާވުމަށް އަވަސްވެގަންނަނީ ﷲ ތަޢާލާއަށް އޮންނަ ބިރުވެތިކަމުގެ ބޮޑުކަމުން ކަމުގައިވާތީއެވެ. 

މީސްތަކުންނޭވެ! އެއްވެސް މީހަކު އޭނާކޮށް އުޅުނު ފާފަފަތައް ކުރުން ދޫކޮށްލައި ތައުބާ ވެއްޖެ ނަމަ އެމީހަކާއި ދިމާއަށް އޭނާއަށް ކުރިން ކުރެވިފައިވާ ފާފަތަކުގެ ވާހައިން ނުގޮވާށެވެ! އެމީހަކަށް ފުރައްސާރަ ނުކުރާށެވެ. ހިތްވަރު ދޭށެވެ! އެހެނީ އޭނާ އެހުރީ ﷲ ތަޢާލާއަށް ބިރުވެތިވެ ތައުބާވެގެންނެވެ. ﷲ ތަޢާލގެ ރުހިވޮޑިގަތުން ހޯދައިގެންނެވެ. ޢުމަރުގެފާނުގެ ބަސްފުޅުންވެސް އެނގިގެން މިދަނީ ތައުބާވެގެން ތިބި މީހުންގެ މަތިވެރިކަމެވެ. 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން